ކަސްޓަމްސްގެ އޮންލައިން މަޖައްލާ ''ކަސްޓްމްސް ޖާރނަލް'' ޗާޕްކޮށްގެން ނެރެން ފަށައިފި އެވެ.
ކަސްޓަމްސް އިން މައުލޫމާތު ދިން ގޮތުގައި މިއަދު ޗާޕު ކުރީ ''ކަސްޓަމްސް ޖާރނަލް'' މަޖައްލާގެ 187ވަނަ އަދަދެވެ. އަދި މި އަދަދަކީ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ޗާޕުކޮށްގެން ނެރޭ ފުރަތަމަ އަދަދު ކަމަށް ވުމުން މިއަދަދުގައި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާނުގެ ހާއްސަ ލިޔުމެއް ހިމެނޭނެ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.
1990 އާއި 2000ގެ ކުރީކޮޅު ''ގޭޓް ކީޕާރ''ގެ ނަމުގައި ނެރުނު މި މަޖައްލާ ''ކަސްޓްމްސް ޖާރނަލް''ގެ ނަމަށް ރީބްރޭންޑް ކުރުމަށްފަހު ނެރެން ފެށީ 2004 ވަނަ އަހަރުއެވެ. މި މަޖައްލާގައި ކަސްޓަމްސްގައި ހިނގާ އެކި ކަންކަމުގެ އިތުރުން، މުދާ ކްލިއާ ކުރުމާއި ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމަށް ކުރެވޭ ކަންތައްތަކާއި ގަވައިދުތަކާއި އުސޫލުތަކަށް އަންނަ ބަދަލުތައް ހިމެނެއެވެ.
މީގެ އިތުރުން މުވައްޒަފުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކަސްޓަމްސް އިން ހިންގާ ތަމްރީނުތަކާއި، ކަސްޓަމްސްގައި ހިންގާ މުހިއްމު ކަންކަމުގެ ހަބަރުވެސް މި މަޖައްލާގައި ހިމެނެއެވެ. މީގެ އިތުރުން މުދާ އިމްޕޯޓް އަދި އެކްސްޕޯޓް ކުރުމުގެ އުސޫލަށް ގެނެވޭ ބަދަލުތައް، ތަފާސް ހިސާބު އަދި ކަސްޓަމްސްގެ މުވައްޒަފުންނަށް ހިންގާ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް އަދިވެސް ކަސްޓަމްސްއާއި ގުޅުންހުރި އެކި އެކި މައުލޫމަތުތައް މި މަޖައްލާ މެދުވެރިކޮށް އާންމުންނަށް ލިބޭނެ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.
މި މަޖައްލާގެ ޗާޕު ކޮޕީ ދައުލަތުގެ އިދާރާތަކަށާއި ސަރުކާރު އޮފީސްތަކަށް ފޮނުވާއިރު، ކަސްޓަމްސްގެ ވެބްސައިޓުގެ އިތުރުން ހުރިހާ ސޯޝަލް މީޑީއާ އެކައުންޓެއްގައި މި އަދަދު ހިއްސާ ކޮށްފައިވާނެ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.