ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ތަހުގީގު އާންމުކޮށް ހުޅުވާލައިގެން މާދަމާ ފަށަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން ދާދި ދާދި ދެންމެއަކު ބުނީ، މާދަމާ ހެނދުނު ފަށާ ތަހުގީގަށް ހާޒިރުވުމަށް ފަނޑިޔާރު ދީދީ އަށް ޗިޓު ހަވާލު ކޮށްފައިވާ ކަމަށެވެ.
މި ތަހުގީގު ފެށޭނީ މާދަމާ ހެނދުނު 10:00ގައި ކަމަށް ޖޭއެސްސީން ބުނެ އެވެ. ތަހުގީގު ކުރިޔަށް ގެންދަން ނިންމާފައި ވަނީ ދަރުބާރުގެ ގޭގެ ރަންނަބަނޑޭރި މާލަމުގައި ކަމަށް ވެސް ޖޭއެސްސީން ބުނެ އެވެ.
ދީދީގެ ތަހުގީގު އާންމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންގޮސްދިނުމަށް އޭނާ ވަނީ ޖޭއެސްސީގައި އެދިވަޑައިގެންފަ އެވެ. ޖޭއެސްސީން ފަހުން ބުނެފައިވާ ގޮތުގައި ހުޅުވާލައިގެން މި ތަހުގީގު ކުރިޔަށް ގެންދާން ނިންމީ ފަނޑިޔާރު ދީދީ އެގޮތަށް އެދިވަޑައިގެންފައި ވާތީ އެވެ.