ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސަރުކާރުން މަސައްކަތް މިކުރަނީ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށް: ރައީސް

އިބްރާހިމް ޒަކީ

ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށާއި، އޭގެ ނަތީޖާވެސް ވަރަށް ރަނގަޅު ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހި ސަފީރުންގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މިއަދު ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ އަދަދު މަތިވެ، ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތައް އިތުރުވެއްޖެ ކަމަށެވެ. އަދި ރާއްޖޭގައި ހުރި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ފުރުސަތުތައް ދުނިޔެއަށް ހާމަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދިވެހިންގެ އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއެކު، ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއް ގާއިމުކޮށް، އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށްވުމަކީ، ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސް ކަމަށެވެ. އަދި ބައިނަލްއަގްވާމީ މަސްރަހުގައި ސާބިތުކަމާއެކު އިސްއުފުލައި، އަދުލުވެރިކަމާއި ހަމަޔާއި އިންސާފަށް އަޑުއުފުލުމަކީ، ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެންމެ މުހިންމު ރުކުން ކަމަށްވެސް ވިދާޅުވިއެވެ.

"ނަމަވެސް، ގައުމުގެ ހާލަތު މިހާރަށްވުރެ ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަދިވެސް ނުހަނު ގިނަ. ދިވެހި ހާރިޖިއްޔާގެ މަސައްކަތަކީވެސް ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯ ފުރިހަމަކުރާނެ ގޮތްތަކެއް ހޯދުން. އަދި، ތަރައްގީގެ މަޝްރޫއުތަކުގެ ފައިދާ، ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ބޭރުގެ ގައުމުތަކާއެކު މުއާމަލާތުކޮށް ދިވެހިރާއްޖޭގެ ތަރައްގީގައި ބައިވެރިވެ، އެހީވެދޭނެ ފަރާތްތަކެއް ހޯދުން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިކަމުގައި އަމަލީގޮތުން އެންމެ އިސް ދައުރެއް އަދާކުރެވޭނެ އެއްބަޔަކީ ދިވެހި ސަފީރުން ކަމަށާއި ރާއްޖެއަށް މަންފާހުރި ގޮތްތައް ހޯދުމުގެ އެންމެ މުހިންމު މޭސްތިރިންނަކީވެސް އެއީ ކަމަށެވެ. އެހެންކަމުން އެ ބޭފުޅުންގެ މަސްއޫލިއްޔަތަކީ ގައުމުގެ ކުރިއެރުމަށާއި ރައްޔިތުންގެ މުސްތަގްބަލަށް ދެމެހެއްޓެނިވި ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރެއްވުންކަމަަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.