ޚަބަރު

ރާއްޖެއިން ވަކާލާތުކުރަނީ، ގާނޫނުގެ ބާރު ނަގަހައްޓައި، ހަމަޔާއި އިންސާފު ދަމަހައްޓަން: ރައީސް

އިބްރާހިމް ޒަކީ

ނިސްބަތުން ކުޑަ ޤައުމެއް ނަމަވެސް، އަޅުގަނޑުމެންނަކީ، ސާބިތުކަމާއެކު ގޮންޖެހުންތަކާ ކުރިމަތިލައި އަޒުމް ވަރުގަދަ ޤައުމެއް ކަމަށާއި، ޤައުމީ ފެންވަރުގަ އާއި ބައިނަލްއަޤްވާމީ މުޖުތަމައުގައިވެސް ރާއްޖެއިން ވަކާލާތުކުރަނީ، ޤާނޫނުގެ ބާރު ނަގަހައްޓައި، ހަމަޔާއި އިންސާފު ދަމަހައްޓަން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހި ސަފީރުންގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މިއަދު ވިދާޅުވީ، ދިވެހިރާއްޖޭގެ ޑިޕްލޮމަސީގެ އަސާސްތަކަކީ ޤާނޫނުގެ ބާރު ނަގަހައްޓައި، ހަމަޔާއި އިންސާފު ދެމެހެއްޓުން ކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހި ޤައުމުގެ ހައިބަތު އުފުލައިދެނީ، މި ދެންނެވި ހަރުދަނާ ޑިޕްލޮމަސީ. މި ޤައުމުގެ ދިފާއަކީ ހާރިޖީ ސިޔާސަތުގެ ހަރުދަނާކަން. ތިޔަ ސަފީރުންނަކީ، ޑިޕްލޮމަސީ ހިންގަވަން ތިއްބެވި ފަހުލަވާނުން. ހާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ހީނަރުވެފައިވާ ގުޅުންތައް އަލުން ބަދަހިކުރުމުގައި، ތިޔަބޭފުޅުންގެ ދައުރު ވަރަށް މުހިންމު،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިފަދަ ބައްދަލުވުމެއް ބޭއްވުމުގެ އެންމެ މުހިންމު މަޤްސަދަކީ، ދިވެހިންގެ ދިރިއުޅުމާއި ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާމެދު މަޝްވަރާކޮށް، އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށެވެ. އަދި މިހާރަށްވުރެ ފާގަތި މަންޒިލަކަށް ރާއްޖެ ގެންދިޔުމަށްޓަކައި، ރާއްޖެއިން ލިބެންހުރި ފުރުސަތުތަކުގެ ބޭނުން މިހާރަށްވުރެ ފުރިހަމައަށް ހިފައިގެން، ކުރިއަށްދާނެ ގޮތްތަކާމެދު މަޝްވަރާކުރުން ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް، ހާއްސްކޮށް، ދިވެހި ކިޔަވާކުދިންނަށް ދޭންޖެހޭ ކޮންސިއުލަރ ހިދުމަތްތައް ފަސޭހަކޮށްދިނުމާއެކު، އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށާއި، މިކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވޭނީ ސަފީރުންނަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ، ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ހިމާޔަތްކޮށް، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން. އެހެން ޤައުމުތަކާއެކު އަޅުގަނޑުމެން ގުޅުން އުފައްދައި ދަމަހައްޓާނީ، ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމަށް، ކިތަންމެ ކުޑަނަމަވެސް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން،" ރައީސް ވިދާޅުވިއެވެ.