މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އިން ޓީވީއެމް ހިންގިއިރު އެތަނުގެ ޕްރޮގްރާމްތައް މާކެޓްކޮށްގެން ލިބެން ޖެހޭ 78 މިލިއަން ރުފިޔާ ދިނުމަށް، ސިވިލް ކޯޓުން ހުކުމް ކޮށްފައިވާ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް ދައުލަތުން ފައިސާ ހޯދައި ދިނުމުގައި، އިކޮނޮމިކް މިނިސްޓްރީގެ މަގާމުގައި ހުންނަވައިގެން ފޯރުވާފައިވާ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށް އިކޮނިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްއެންބީސީ އިން ބިގް އަށް ލިބެން ޖެހޭ 78 މިލިއަން ރުފިޔާ އެބަ އޮތް ކަމަށް ކަނޑައަޅައި އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށް ފައިވަނީ 2016 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. ނަމަވެސް އެފައިސާ ބިގް އަށް ދައްކަން ފަށާފައިވަނީ، މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ. އެގޮތުން ހުކުމްގައިވާ 78 މިލިޔަން ރުފިޔާގެ ތެރެއިން 30 މިލިޔަން ރުފިޔާ މިހާރު ވަނީ ދައްކައިފައެވެ.
މި މައްސަލައާބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، "ބިގް" ކުންފުންޏަކީ ފައްޔާޒްގެ މަސްލަހަތު އޮތް ކުންފުންޏެއްތޯ؟ ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު، ކުރެެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، އެކުންފުންޏަކީ އެމަނިކުފާނުގެ ވަރަށް ގާތް ރަހުމަތްތެރިންތަކަކާއެކު އުފައްދައިގެން ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ކުންފުންޏެއް ކަމަށެވެ.
މިއަދުގެ ޖަލްސާގައި، އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި، މިނިސްޓަރު ފައްޔާޒު ނުވަތަ އެމަނިކުފާނުގެ އާއިލާގެ މެންބަރަކު ނުވަތަ ގާތް ރައްޓެއްސަކު ހިމެނިފައިވޭތޯ އާއި އަދި އެ ކުންފުންޏާ ގުޅޭ ގޮތުން ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުގެ މަރުހަލާތަކުން ނުނިމެނީސް އެ ކުންފުންޏަށް ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ދިނުމުގައި ފައްޔާޒް އިސްމާއީލްގެ ދައުރެއް އޮތް ކަމަށް ދެކެވެމުންދާ ވާހަކަތަކުގެ ހަގީގަތަކީ ކޮބައިތޯ އޮޅުން ފިލުވުމަށްވެސް ވަނީ ސުވާލު ކުރައްވައިފައެވެ.
މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ، އެ ކުންފުނި އުފެއްދިއިރު ކުންފުނީގެ ހިއްސާ އޮތް ނަމަވެސް 2015 ވަނަ އަހަރުގެ މާޗް މަހުގައި، ކުންފުނީގެ ހިއްސާދާރު ކަމާއި ކުންފުނީގެ ބޯޑުން އިސްތިއުފާ ދެއްވާފައިވާކަމަށެވެ. އަދި އޭރު އިސްތިއުފާ ދެއްވީ ސިޔާސީ ގޮތުން އިސްލާހީ މަސައްކަތްތަކުގައި އުޅުއްވުމުގެ ސަބަބުން، ސިޔާސީގޮތުން ކުންފުންޏަށް ކުރިމަތިކުރި ދަތިތަކުގެ ސަބަބުން އަގު ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ވެގެން ކަމަށެވެ.
އަދި އެ ކުންފުނީގެ ހިއްސާ މިހާރު އޮތީ ކޮންބަޔަކަށް ކަމެއް އެނގިވަޑައިނުގެންނެވި ނަމަވެސް ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި އެމަނިކުފާނާ އެއްބަނޑު އެއްބަފާ ބޭބެ ހިމެނޭ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ، އެ ކުންފުނީގެ މަސްލަހަތު އޮތް އެއްވެސް މީހަކު ސަރުކާރު ބޯޑެއްގައި ހިމެނޭކަމުގެ މައުލޫމާތުވެސް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.