ޚަބަރު

ރާއްޖޭގެ ދެ ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި

އަހުމަދު ޖައިޝަން

ކުރިއަށްއޮތް ހަތަރު ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދެ ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ދާދި ދެންމެއަކު ޔެލޯ އެލާޓް ނެރެފައިވަނީ ކ. އަތޮޅަށާއި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.

ދެ ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު 1350 އިން ފެށިގެން 1800ގެ ނިޔަލަށެވެ.

މެޓް އޮފީހުން ބުނީ ޔެލޯ އެލާޓް ނެރެފައިވާ ވަގުތުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭނެ ކަމަށެވެ. އަދި އެ ސަރަހައްދުތަކުގެ ކަނޑުތައް ގަދަވުމުން ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

އުތުރު އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު ތިން މޭލާއި 10 މޭލުގެ ބާރުމިނުގައި ވައި ޖެހޭއިރު މެދުތެރާއްޖެއާއި ދެކުނު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 18 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ބުނީ ވިއްސާރަ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.