ޚަބަރު

ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން މަގާމުން ވަކިކޮށްފި

ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލްޣަފޫރު މަގާމުން ވަކިކުރައްވައިފިއެވެ.

ޣާނިޔާއަކީ ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނެވި ޑެޕިއުޓީ އެމްބެސެޑަރެވެ.

އެނގިފައިވާ ގޮތުގައި ޣާނިޔާ އެމަގާމުން ވަކިކޮށްފައިވަނީ މިއަދުއެވެ. ޣާނިޔާ އެމަގާމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.

ޣާނިޔާ މަގާމުން ވަކިކޮށްފައި މިވަނީ ފިރިކަލުން ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ހުށަހެޅުމުން ދީދީ ސަސްޕެންޑްކުރުމަށް ޖޭއެސްސީން ނިންމި ނިންމުމަށް އަމަލު ނުކުރުމަށް ސްޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ތުހުމަތުކުރެވޭ ސުލޫކީ މައްސަލައެއް ހުށަހަޅާފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު ހުށަހެޅުއްވި މައްސަލައަކީ، މެލޭޝިޔާގައި ޣާނިޔާގެ ނަމުގައި މެލޭޝިޔާގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް، އަބްދުﷲ ދީދީއަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.

އެމައްސަލައިގައި އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން ތަންފީޒުކުރުން ފަސްކުރުމަށް ސްޕްރީމް ކޯޓުން އަމުރު ކުރިނަމަވެސް، ޖޭއެސްސީން އެމައްސަލަ މިހާރުވެސް ގެންދަނީ ބަލަމުންނެވެ.

އަދި ސްޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށް ކަނޑައަޅައި ޖޭއެސްސީގެ ނިންމުން ދަމަހައްޓަން މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ނަމަވެސް މަޖިލީހުން ނިންމާފައިވާ އެނިންމުމަކީ ގާނޫނާއި ހިލާފު ނިންމުމެއް ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ވަނީ ބުނެފައެވެ.