ބިދޭސީންނަށް ވަގުތީގޮތުން ކްރިކެޓު މެޗުތައް ބެލޭނެ ގޮތަށް ސޯޝަލް ސެންޓަރުގައި ބޮޑު ސްކްރީނެއް ބަހައްޓައިފިއެވެ.
ޔޫތު މިނިސްޓަރު ކުރެއްވި އަހްމަދު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޮޑު ސްކްރީނެއް ބެހެއްޓުމަށް ޖާގަ ހޯދުމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާ މަސްވަރާކުރައްވާފައިވާ ކަމަށެވެ.
އޭގެ އިތުރުން ބޭރު ގައުމުތަކުގެ އެމްބަސީތަކާއެކު ވެސް މަސައްކަތްކޮށްފައިވާ ކަމަށާއި މިހާރު ބިދޭސީންނަށް ވަގުތީގޮތުން ކްރިކެޓު މެޗުތައް ބެލޭނެ ގޮތަށް ސޯޝަލް ސެންޓަރުގައި ބޮޑު ސްކްރީނެއް ބެހެއްޓިފައިވާ ކަމަށް މަހުލޫފު ވިދާޅުވިއެވެ.
ކްރިކެޓަކީ އަވަށްޓެރި ގައުމުތަކުން ބައިނަލްއަގުވާމީ އެންމެ މަތީ ފަންތީގައި ވާދަކޮށް، ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަ ކުޅިވަރެކެވެ. މިހާރު ކުރިއަށްދާ ކްރިކެޓުގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ކްރިކެޓް ވޯލްޑް ކަޕުގައި ވާދަކުރާ އޭޝިއާގެ ގައުމުތަކުގެ ތެރޭގައި ބަންގުލަދޭޝް، އިންޑިއާ، ޕާކިސްތާން، ސްރީލަންކާ އަދި އަފްޣާނިސްތާން ހިމެނެއެވެ.
ޓީވީތަކުން އެ މުބާރާތުގެ މެޗުތައް ބެލުމަށް ރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބިދޭސީން ހޮޓާ، ކެޕޭ އަދި ރެސްޓޯރެންޓްތައް ކައިރިއަށް ޖަމާވާކަން ފާހަގަކުރެވެއެވެ.