ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

ކޮންމެ މުއައްސަސާއެއް ވެސް ގާނޫނީ ހުދޫދުގެ ތެރެއިން ކަންކަން ކުރެއްވުމަށް ރައީސް މައުމޫން ގޮވާލައްވައިފި

ކޮންމެ މުއައްސަސާއެއް ވެސް ގާނޫނީ ހުދޫދުގެ ތެރެއިން ކަންކަން ކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.

މައުމޫން އެކަމަށް ގޮވާލައްވާފައި މިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން ނިންމުމުން، އޭނާއާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށެވެ. އެ އަމުރު ބަލައިނުގަތުމަށް ޖޭއެސްސީން ނިންމާފައިވާ އިރު، ފަނޑިޔާރު ދީދީގެ މައްސަލައިގެ ހުރިހާ ކަމެއް ބާތިލް ކަމަށް ސުޕްރީމް ކޯޓުން ކުރި އަމުރު ގާނޫނާ ހިލާފު ކަމަށް ރައްޔިތުންގެ މަޖިލީހުން ވެސް މިއަދު ވަނީ ފާސްކޮށްފައެވެ.

ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮންމެ މުއައްސަސާއަކުން ވެސް ގާނޫނު އަސާސީ ތަންދޭ ގޮތެއްގެ މަތިން އަދި އެ މުއައްސަސާއެއްގެ ގާނޫނީ ހުދޫދުގެ ތެރެއިން ކަންކަން ކުރެއްވުމަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގޮވާލާ ކަމަށެވެ.

"ކޮންމެ މުއައްސަސާއަކުން ވެސް ގާނޫނު އަސާސީ ތަންދޭ ގޮތެއްގެ މަތިން އަދި އެ މުއައްސާއެއްގެ ގާނޫނީ ހުދޫދުގެ ތެރެއިން ކަންކަން ކުރެއްވުމަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ގޮވާލަން،" ރައީސް މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ފަނޑިޔާރު ދީދީގެ މައްސަލައިގެ ހުރިހާ ކަމެއް ބާތިލް ކަމަށް ސުޕްރީމް ކޯޓުން ކުރި އަމުރު ގާނޫނާ ހިލާފު ކަމަށް މަޖިލީހުން ފާސްކުރުމަކީ ގާނޫނު އަސާސީއާ ހިލާފަށް ކުރި ކަމެއް ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ވަނީ ބުނެފައެވެ.