ބޭރުގެ ހަ އިއްޒަތްތެރިއަކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރަތް ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުންތައް އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރައީސް އޮފީހުން މައުލޫމާތު ދިންގޮތުގައި ނައިބު ރައީސް ފައިސަލްގެ އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރަތް ކުރެއްވީ، ތުރުކީ ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ސާކިރު އޮޒްޚާން އާއި، ތައިލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ ޗުލަމީ ޗަތުސުވާން އާއި ކެނެޑާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ބުރޫސް މެކް ކިނޮން އާއި އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޑޭވިޑް ހޮލީ އާއި، އައި.އޯ.އެމް އިން އޭޝިޔާ އަދި ޕެސިފިކް ރީޖަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެޓަރ، ހަރ އެކްސެލެންސީ ޑރ. މާރިޔާ މޯތަސް އަދި ޔޫ.އެން.އެފް.ޕީ.އޭގެ ކަންޓްރީ ޑިރެކްޓަރު ހަރ އެކްސެލެންސީ ރިޝޫ ނެކެން އެވެ.
މި ބައްދަލުވުންތަކުގައި ނައިބު ރައީސް ވަނީ މިހާރު ކުރިއަށްދާ މޯލްޑިވްސް ޕާރޓްނާޝިޕް ފޯރަމުގައި އެކި ގައުމުތަކުގެ ސަފީރުންނާއި، ބައެއް އިއްޒަތްތެރިން ތަމްސީލުކުރައްވާ ޖަމާއަތްތަކުން ބައިވެވަޑައިގެން ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވައިފައެވެ.
އަދި، މި ފޯރަމް ވެގެންގޮސްފައި ވަނީ ރާއްޖޭގެ ތަރައްގީއަށް އެހީވެދޭ ފަރާތްތަކާ ގުޅިގެން ކުރިޔަށް ދިއުމަށް އައު ދޮރުތަކެއް ހުޅުވިގެންދިޔަ ކާމިޔާބު ފޯރަމަކަށް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސާއެކު ވަކިވަކިން މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުންތަކުގައި ބޭރުގެ އިއްޒަތްތެރިން ވަނީ ރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތަކުން ރާއްޖެއަށް ދޭ އެހީތެރިކަމާއި އެއްބާރުލުން އިތުރުކޮށް އެކުވެރިކަމުގެ ގުޅުން ވަރުގަދަ ކުރުމަށް ބޭނުންވާކަން ހާމަކުރައްވާފައެވެ.