އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް 2019 "އައިއެމްޓީއެމް 2019"ގެ އޮންލައިން ނިއުސް ޕާޓްނަރަކަށް ވަން އޮންލައިން ހަމަޖައްސައިފިއެވެ.
މިމަހުގެ 26 އަދި 27ގައި ފަރުކޮޅުފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ "އައިއެމްޓީއެމް 2019"ގައި 50 އަށްވުރެ ގިނަ ލީޑިންގ ޓުއަރ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންސީތަކުން ބައިވެރިވާނެއެވެ. މީގެ އިތުރުން 25 ގައުމުން އެކިއެކި ދާއިރާތަކުގެ ފަރާތްތައް "އައިއެމްޓީއެމް 2019" ގައި ބައިވެރިވާނެ ކަމަށް އައިއެމްޓީއެމް އިން މައުލޫމާތުދެއެވެ. މި ބައިވެރިން ރާއްޖެއިން ލިބޭނެ އާ ފުރުސަތުތައް ހޯދައި ޓުއަރިޒަމް ދާއިރާއިން ރާއްޖޭގެ ފުންނާބު އުސް ފަރާތްތަކާ ބައްދަލުކުރާނެއެވެ.
"އައިއެމްޓީއެމް 2019"ގައި ގެސްޓް ހައުސްތަކަށް ހާއްސަ ބައިނަލްއަގުވާމީ 25 ޓުއަރ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންސީތަކުން ބައިވެރިވާނެއެވެ. އަދި ލަގްޒަރީ މާކެޓަށް ވެސް 25 ޓުއަރ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންސީތަކުން ބައިވެރިވާނެކަމަށް އައިއެމްޓީއެމް އިން މައުލޫމާތުދެއެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ޓުއަރިޒަމްއާ ގުޅޭ އެކި ދާއިރާތަކުން 300 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވާނެއެވެ. އޭގެތެރޭގައި ރިޒޯޓުތަކާއި ލިވަބޯޑްގެ އިތުރުން ލޯކަލް ޓްރެވަލް އެޖެންސީތަކުން ބައިވެރިވާނެއެވެ.
މިއީ އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް ބާއްވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރު "އައިއެމްޓީއެމް 2018" ބާއްވާފައިވަނީ އަދާރަން ހުދުރަންފުށީގައެވެ.