ޚަބަރު

ދައުލަތަށް ދައްކަންހުރި ފައިސާގެ ތެރެއިން، 1.82 ބިލިއަން ރުފިޔާ ހުސްވި އަހަރު ހޯދިން: މީރާ

އެކި ފަރާތްތަކުން ދައުލަތަށް ދައްކަންހުރި ފައިސާގެ ތެރެއިން، 1.82 ބިލިއަން ރުފިޔާ ދައުލަތަށް ހޯދާފައިވާކަމަށް، ދައުލަރުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ބުނެފިއެވެ.

މީރާއިން ނެރުނު މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފައިވަނީ، ދައުލަތަށް ފައިސާ ނުދައްކައިގެން 8،872 ފަރާތަކަށް، އަދި ޓެކްސް ބަޔާން ހުށަނާޅާތީ 12،157 ފަރާތަކަށް މިދިޔަ އަހަރު ނޯޓިސް ފޮނުވި ކަމަށެވެ.

އޭގެ ތެރެއިން ނޯޓިސްއަށް އަމަލުކުރި 7،466 ފަރާތުން 955.12 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް މީރާއިން ބުނެފައިވެެއެވެ.

މީރާއިން ބުނީ ދައުލަތުގެ ބައެއް އިދާރާތަކުން، ފައިސާ ނުދައްކާ ކުންފުނިތަކަށް ދޭ ހިދުމަތްތައް ކަނޑާލައިގެން 18.19 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ.

އަދި އެކައުންޓްތައް ފްރީޒްކޮށްގެން 124.46 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށާއި، ޓެކްސް ކްލަރެންސް ފޯމް ފުރުމުގެ މަރުހަލާގެ ތެރެއިން 162.6 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މީރާއިން ބުނީ ގޮތުގައި އެ އިދާރާ އުފެދުނު ފަހުން ދައުލަތަށް ނުދައްކާ ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ދަށުން 7.3 ބިލިއަން ރުފިޔާ ހޯދާފައިވާ ކަމށެވެ.

އަހަރީ ރިޕޯޓްގައިވާ ގޮތުން ފައިސާ ނުދައްކާ ފަރާތްތަކުގެ ތެރެއިން އެ ފައިސާ ބަހާލައިގެން ދެއްކުމަށް 233 ފަރާތަކަށް ވަނީ ލުއިދީފައެވެ. އަދި އެކަމާބެހޭ އެއްބަސްވުމުގެ ދަށުން ވެސް ފައިސާ ނުދެއްކި، 151 މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅައި ފައިސާ ހޯދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. އެގޮތުން ކޯޓުން ބޭރުން 69 މައްސަލައެއް މީރާއާ އެއްކޮޅަށް ވަނީ ހުސްވި އަހަރު ނިމިފައެވެ.