ރިވެލި އެވޯޑް

ރިވެލި އެވޯޑަށް ކުރިމަތިލެވޭ ދާއިރާތަކުން ދެ ދާއިރާއަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މަރިޔަމް ޝަހުދާ

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ މަގުސަދުގައި ދޭ ރިވެލި އެވޯޑަށް ކުރިމަތިލެވޭ ދައިރާތަކުން ދެ ދާއިރާއަކަށް ކުރިމަތިލުމުގެ މުއްދަތު މިނިސްޓަރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް އިން އިތުރުކޮށްފި އެވެ.

މުއްދަތު އިތުރުކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ގުޅޭގޮތުން ހަބަރު ފަތުރާ ވަސީލަތްތަކުން ކޮށްދޭ ހިދުމަތުގެ ދާއިރާ އާއި ހާއްސަ ދާއިރާ އިންނެވެ.

އެ މިނިސްޓްރީން އިއްޔެ އާންމު ކުރި ބަޔާނެއްގައި ބުނި ގޮތުގައި ދެ ދާއިރާތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އެ ދެ ދާއިރާއަށް އާންމުން ކުރިމަތިލާފައި ނުވާތީއެވެ.

މި ދެ ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު މިމަހު 26 ވާ ބުދަ ދުވަހުގެ 14:00އަށް ވަނީ އިތުރުކޮށްފައެވެ. ޖެންޑާއިން މައުލޫމާތު ދިން ގޮތުގައި މި އެވޯޑަށް ކުރިމަތިލުމުގެ ޝަރުތުތައް އެކުލެވޭ ލިޔުމާއި އެވޯޑަށް އެދޭ ފޯމު ޖެންޑާ މިނިސްޓްރީގެ ކައުންޓަރުން ލިބޭނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުންވެސް މި މައުލޫމާތު ލިބޭނެ ކަމަށް ޖެންޑާއިން ބުނެއެވެ.

ރިވެލި އެވޯޑަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ދެމުން އަންނަ އެވޯޑެކެވެ.