ޚަބަރު

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހެއްގެ ހުކުމް ހައިކޯޓުން ބާތިލްކުރި މައްސަލަ ކޮމިޓީން ބަލަނީ

އިބްރާހިމް ޒަކީ

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކަށް ކޮށްފައިވާ 15 އަހަރު ދުވަހުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލް ކޮށްފައިވާ މައްސަލައެއް ބަލަން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފިއެެވެ.

އެ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މި މައްސަލަ ބެލުމަށް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިިން 3 މެންބަރުންގެ ސަބް ކޮމިޓީއެއް ވަނީ އުފައްދަވައިފައެވެ.

އެ ކޮމިޓީގައި ހިމެނި ވަޑައިގަންނަވަނީ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އާއި ފުވައްމުލަކު ދެކުނު ދާއިރަގެ މެންބަރު މުހައްމަދު މުމްތާޒު އެވެ.

އެ މައްސަލައިގެ ތަފްސީލް ކޮމިޓީން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައަކީ، ދޮން ދަރިއަކާމެދު ޖިންސީ އަމަލެއް ހިންގި ކަމަށް ބުނާ މައްސަލައެކެވެ.

މެޖިސްޓްރޭޓް ކޯޓުން ހުކުމް އިއްވުމުން އެ މީހާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ.

އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެއީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް އިއްވާފައިވާ 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ.

ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އިއްޔެ ވަނީ، މަޖިލީހުން ފޮނުވާފައިވާ ޖަލުތަކާބެހޭ އޮޑިޓް ރިޕޯޓުގެ މައްސަލަ ދިރާސާ ކުރުމަށް ވެސް ތިން މެންބަރުންގެ ކޮމިޓީއެއް ހޮވައިފައެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އާއި ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީއެވެ.