އަމީން ފައިސަލް

އަމިީން ފައިސަލްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކޮށްފި

ރައީސް ނަޝީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އަމީން ފައިސަލްގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގާނޫނާ ހިލާފަށް ހައްޔަރުކުރި މައްސަލައިގައެވެ.

އަމީން ފައިސަލްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ހުކުމް އިއްވުމުގެ މަޖިލީހުގައި މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް އަލީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހިމާޔަތް ފޯރުކޮށްދިނުމަކީ ދިފާއީ ބާރުތަކަށް ގާނޫނީ ނިޒާމުގެ ތެރެއިން ލާޒިމު ކުރާ ކަމެއް ކަމަށެވެ.

ރައީސް ޔާމީން ހައްޔަރު ކުރުމަށްފަހު އާރަށުގައި ބެހެއްޓުމާ ގުޅިގެން ގާޒީ އިބްރާހީމް ވިދާޅުވީ ޔާމީން އާރަށުގައި ބެހެއްޓީ އޭރު މާލޭގެ ހާލަތު ހުރިގޮތުން އެމަނިކުފާނަށް ހިމާޔަތް ދެއްވުމަށް ކަމަށް އަމީން ފައިސަލް ވިދާޅުވާ ކަމަށެވެ.

އަމީން އާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާގެ މައްސަލައިގައި ހެކީންގެ ފަރާތުން ހުށަހަޅާފައިވާ ހެކި ބަހަށް ބަލާއިރު، އަމީންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވާ ކަމަށް ވެސް ގާޒީ އިބްރާހީމް ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވެއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ބުދަ ދުވަހު އެ ދައުވާ އަނބުރައި ފޮނުވާލައި، އެ މައްސަލައާ ގުޅިގެން ނެރުނު ހައްޔަރުގެ އަމުރު ބާތިލުކޮށްފައެވެ.

އެ ދައުވާ އަނބުރައި ފޮނުވައިލި ނަމަވެސް، ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރަން އަމުރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލާން 2015 ވަނަ އަހަރު ވަނީ ހުކުމްކޮށްފައެވެ.