ޚަބަރު

ފަނޑިޔާރު އަބްދުﷲ ދީދީ ބޭނުންފުޅުވީ ޖޭއެސްސީގެ ތަހުގީގު އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދަން: ވަކީލު

1

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ބޭނުންވަނީ ޖޭއެސްސީގެ ތަހުގީގު އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދަން ކަމަށް އޭނާގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވެއްޖެއެވެ.

ޖޭއެސްސީއަށް އަބްދުﷲ ދީދީ ހާޒިރުވެވަޑައިގެންނެވުމަށްފަހު ވަކީލު ވިދާޅުވީ ފަނޑިޔާރު އަބްދުﷲ ދީދީ ބޭނުންވަނީ މީޑިއާއަށް ވެސް ބައިވެރިވެވޭ ގޮތަށް، އެބޭފުޅާގެ ނަޒާހަތްތެރިކަމާއި ތަހުގީގު ކުރިއަށްދާ ގޮތް ރައްޔިތުންނަށް ވެސް އެނގޭނެ ގޮތަށް ޖޭއެސްސީގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ކަމަށެވެ.

"ފަނޑިޔާރު އަބްދުﷲ ދީދީ ބޭނުންފުޅުވީ އާންމުންނަށް ހުޅުވާލައިގެން، މީޑިއާއަށް ވެސް ބައިވެރިވެވޭ ގޮތަށް، އެބޭފުޅާގެ ނަޒާހަތްތެރިކަމާއި ތަހުގީގު ކުރިއަށްދާ ގޮތް ރައްޔިތުންނަށް ވެސް އެނގޭނެ ގޮތަށް މި ތަހުގީގު ކުރިއަށް ގެންދިއުމަށް،" ވަކީލު ވިދާޅުވިއެވެ.

ވަކީލު އާދަމް އާސިފް ވިދާޅުވީ ޖޭއެސްސީގެ ތަހުގީގު ޓީމުގައި ހިމެނިވަޑައިގަންނަވާ ފަސް މެމްބަރުން ނިންމެވީ ޖޭއެސްސީގެ މެމްބަރުންގެ ނިންމެވުމަކުން އަބްދުﷲ ދީދީގެ އެދިލެެއްވުމާ މެދު ގޮތެއް ނިންމަވައި، އެހެން ދުވަހަކަށް ކުރިއަށް ގެންދަން ބައްދަލުވުން މިރޭ ނިންމާލީ ކަމަށެވެ. އަދި ތަހުގީގަށް އަބްދުﷲ ދީދީ އެއްބާރުލުން ދެއްވާނެކަން ވެސް ވަކީލު ފާހަގަކުރެއްވިއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުކުރަނީ ދެ މައްސަލައަކާ ގުޅިގެން ބަޔާން ނެގުމަށެވެ.

އެ ދެ މައްސަލައަކީ އަބްދުﷲ ދީދީ ރިޝްވަތު ނަންގަވާފައިވާ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލައާއި އަބްދުﷲ ދީދީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއީޒު މަންފާތަކެއް ހާސިލުކުރެއްވުމަށް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ. އެ ދެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާކަން އަންގާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެފައިވެއެވެ.

އެ ދެ މައްސަލައާ ގުޅިގެން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން ނިންމާފައި ވަނިކޮށް، އެ ނިންމުމަށް ގޮންޖައްސަވައި މަސައްކަތަށް ނުކުންނެވުމުން އެކަމުގައި އޭނާގެ ސުލޫކީ މައްސަލައެއް އޮތް ކަމަށް ބެލެވޭތީ، އެ މައްސަލަ ވެސް ބެލުމަށް މިއަދު ވަނީ ނިންމައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟