ޚަބަރު

ޕާޓްނަޝިޕް ފޯރަމްގެ ބައިވެރިންނަށް ރައީސް ސޯލިހު ރޭގަނޑުގެ ފަރިއްކޮޅެއް ދެއްވައިފި

ޕާޓްނަޝިޕް ފޯރަމްގެ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރޭގަނޑުގެ ފަރިއްކޮޅެއް ދެއްވައިފި އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގެ ބައިވެރިންގެ ޝަރަފުގައި ރައީސް ސޯލިހު ދެއްވި މި ރޭގަނޑުގެ ފަރިއްކޮޅު އޮތީ ކުރުނބާ މޯލްޑިވްސްގައެވެ. މި ފަރިއްކޮޅުގައި ރައީސް ސޯލިހުގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް އަދި ކެބިނެޓުގެ ވަޒީރުންނާއި ރާއްޖެއިން ބޭރުގެ ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވި އެވެ.

ދެ ދުވަހުގެ މުއްދަތަކަށް ރާއްޖޭގައި ކުރިއަށް މިދާ ފޯރަމަކީ ރާއްޖޭގެ ތަރައްގީއަށްޓަކައި އެހެން ގައުމުތަކާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ބެލުމުގެ އިތުރުން ސަރުކާރުގެ ތަރައްގީގެ އެޖެންޑާ ކުރިއަށް ގެންދިއުމުގެ މަގްސަދުގައި ކުރިއަށްގެންދާ ފޯރަމެކެވެ. މި ފޯރަމުގެ އެކި ސެޝަންތަކުގައި ސަރުކާރުން އިސްކަންދޭ ދާއިރާތަކުން ލިބެން ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާު ދެއެވެ. އަދި މިއަދު ކުރިއަށް ދިޔަ ސެޝަންތަކުން ޖަޒީރާ ރާއްޖޭގެ ޕޮލިސީ އެޖެންޑާ، ރާއްޖޭގެ އިގްތިސާދީ ކުރިއެރުވުން އަދި ދެމެހެއްޓެނިވި ''ނޫ އިގްތިސާދެއް'' ބިނާކުރުމުގެ ބައިވެރިވުން އިތުރުކުރުމާމެދު މަޝްވަރާ ކުރައްވާފައިވެއެވެ.

ރައީސް އޮފީހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރީ އޮފް ފިނޭންސް ގުޅިގެން ކުރިއަށް ގެންދާ މި ފޯރަމަކީ ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދީ ރާއްޖޭގައި އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ބާއްވާ މިފަދަ އެންމެބޮޑު ފޯރަމެވެ.