ޚަބަރު

ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީއަށް ހާޒިރުވެވަޑައިގެންފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުވެވަޑައިގެންފިއެވެ.

ޖޭއެސްސީން ފަނޑިޔާރު އަބްދުﷲ ދީދީ، އެ ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ ބަލަމުންދާ ދެ މައްސަލައަކާ ގުޅިގެން ބަޔާން ނެގުމަށެވެ. މިރޭ އެ ކޮމިޝަނަށް އަބްދުﷲ ދީދީ ހާޒިރުވެވަޑައިގެންނެވީ ތިން ވަކީލުންގެ ޓީމަކާއެކުއެވެ.

މިރޭ 10:00 އަށް ހާޒިރުވާން ފުރަތަމަ ޖޭއެސްސީން ފުރަތަމަ އެންގި ނަމަވެސް، ވަގުތު ބޭނުންފުޅުވާ ކަމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެދިވަޑައިގެންނެވުމުން ކޮމިޝަނުން ވަނީ ބައްދަލުވުން މިރޭ 11:30 އަށް ފަސްކޮށްފައެވެ.

މިއަދު ބޭއްވުނު ބައްދަލުވުމެއްގައި ޖޭއެސްސީން ވަނީ އެ ދެ މައްސަލަ ބެލުމަށް ކޮމިޓީއެއް ވެސް ނަގައިފައެވެ. މައްސަލަ ބެލުމަށް ޖޭއެސްސީގެ ހުރިހާ މެމްބަރުން ހިމެނޭގޮތަށް ކޮމިޓީ ނެގުމަށް ހުށަހެޅުނު ނަމަވެސް، ކޮމިޝަންގެ ރައީސް އަބްދުﷲ އަރީފާއި މެމްބަރު އަބްދުލްހަންނާނު އަހްމަދު އަދި މެމްބަރު ލަތީފާ ގާސިމް ތަނާޒުލްވުމާ ގުޅިގެން ކޮމިޓީގައި ހިމެނުނީ ދެން ތިބި މެމްބަރުންނެވެ.

ޖޭއެސްސީން ބަލަމުންދާ ދެ މައްސަލައަކީ އަބްދުﷲ ދީދީ ރިޝްވަތު ނަންގަވާފައިވާ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލައާއި އަބްދުﷲ ދީދީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއީޒު މަންފާތަކެއް ހާސިލުކުރެއްވުމަށް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ. އެ ދެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާކަން އަންގާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެފައިވެއެވެ.

އެ ދެ މައްސަލައާ ގުޅިގެން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން ނިންމާފައި ވަނިކޮށް، އެ ނިންމުމަށް ގޮންޖައްސަވައި މަސައްކަތަށް ނުކުންނެވުމުން އެކަމުގައި އޭނާގެ ސުލޫކީ މައްސަލައެއް އޮތް ކަމަށް ބެލެވޭތީ، އެ މައްސަލަ ވެސް މިއަދު ނެގި ކޮމިޓީން ތަހުގީގުކުރުމަށް ވަނީ ނިންމައިފައެވެ.