ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ހާޒިރުކުރާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބައްދަލުވުން މިރޭ 11:30 އަށް ފަސްކޮށްފިއެވެ.
ޖޭއެސްސީން ފަނޑިޔާރު އަބްދުﷲ ދީދީ، އެ ކޮމިޝަނަށް ހާޒިރުވާން ފުރަތަމަ އަންގާފައިވަނީ މިރޭ 10:00 އަށެވެ.
"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި އެ ބައްދަލުވުން ފަސްކޮށްފައިވަނީ ވަގުތު ބޭނުންފުޅުވާ ކަމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެންގުވުމާ ގުޅިގެންނެވެ.
މިމަހުގެ 12 ވަނަ ދުވަހު ޖޭއެސްސީން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން ނިންމިއެވެ. ޖޭއެސްސީގެ ނިންމުމަށް 24 ގަޑިއިރު ނުވަނީސް، އަބްދުﷲ ދީދީގެ ސަސްޕެންޝަން ފަސްކޮށް އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރުކުރިއެވެ. ނަމަވެސް ޖޭއެސްސީން ވަނީ އެ އަމުރު ބަލައިނުގަތުމަށް ނިންމައިފައެވެ.
މިއަދު ސުޕްރީމް ކޯޓުން ވަނީ އިތުރު އަމުރެއް ނެރެފައެވެ. އެ އަމުރުގައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެކޯޓުން ކޮށްފައިވާ އަމުރާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލް ކަމެއް ކަމަށެވެ.