ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުވާން އަންގައިފިއެވެ.
ޖޭއެސްސީން ފަނޑިޔާރު އަބްދުﷲ ދީދީ، އެ ކޮމިޝަނަށް ހާޒިރުވާން އަންގާފައިވަނީ މިރޭ 10:00 އަށެވެ. ނަމަވެސް އެ ގަޑި ބަދަލުކޮށް، ވަގުތު ބޭނުންފުޅުވާ ކަމަށް ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ ޖޭއެސްސީއަށް އަންގަވައިފައެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ވަގުތު ބޭނުންފުޅުވާ ކަމަށް އެންގެވުމާ ގުޅިގެން ޖޭއެސްސީން ވަނީ ހާޒިރުވާން ޖެހޭ ގަޑި ބަދަލުކޮށްދީފައެވެ. ފަހުން ފަނޑިޔާރު އަބްދުﷲ ދީދީ ހާޒިރުކުރާ ބައްދަލުވުން ފަސްކޮށްފައިވަނީ މިރޭ 11:30ގައި ބާއްވާ ގޮތަށެވެ.
މިމަހުގެ 12 ވަނަ ދުވަހު ޖޭއެސްސީން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން ނިންމިއެވެ. ޖޭއެސްސީގެ ނިންމުމަށް 24 ގަޑިއިރު ނުވަނީސް، އަބްދުﷲ ދީދީގެ ސަސްޕެންޝަން ފަސްކޮށް އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރުކުރިއެވެ. ނަމަވެސް ޖޭއެސްސީން ވަނީ އެ އަމުރު ބަލައިނުގަތުމަށް ނިންމައިފައެވެ.
މިއަދު ސުޕްރީމް ކޯޓުން ވަނީ އިތުރު އަމުރެއް ނެރެފައެވެ. އެ އަމުރުގައި ބުނެފައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެކޯޓުން ކޮށްފައިވާ އަމުރާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލް ކަމެއް ކަމަށެވެ.