ޚަބަރު

ސަރުކާރުގެ އަމާޒަކީ އެއްވެސް ރައްޔިތަކު ބާކީ ނުވާ ގޮތަށް މުޖުތަމައު ބައްޓަން ކުރުން: ނައިބު ރައީސް

މަރިޔަމް ޝަހުދާ

1

ސަރުކާރުގެ އަމާޒަކީ އެއްވެސް ރައްޔިތަކު ބާކީ ނުވާ ގޮތަށް މުޖުތަމައު ބައްޓަން ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވެފައި ވަނީ މިއަދާއި މަދާމާ ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ "މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމް 2019"ގެ މިއަދު މެންދުރުފަހު ސެޝަން ފެށުމުގެ ކުރިން ވާހަކަފުޅުދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ފަހިވެފައިވާ، ހުރިހާ ރައްޔިތުން ހިމެނޭ، އެކަކުވެސް ބާކީނުވާނެ މުޖްތަމައެއް ބައްޓަން ކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.

މި ފޯރަމްގެ މިއަދުގެ މެންދުރު ސެޝަން ފެށުމުގެ ކުރިން ނައިބު ރައީސް ދެއްކެވި ވާހަކައިގައި ތަރައްގީއަކީ ހަމައެކަނި އިގްތިސާދީ މިންގަނޑަކުން ބެލޭނެ އެއްޗެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ތަރައްގީ މިނެ ކިރުމުގައި އިންސާނީ ކުރިއެރުންތަކަށް ބެލުމުގެ މުހިއްމުކަން ނައިބު ރައީސްގެ ވާހަކައިގައި ފާހަގަކޮށްފައިވެއެވެ. އަދި މިއަދާއި މާދަމާ ކުރިއަށް މިދާ ފޯރަމަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާތީ އެކަމަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކައިގައި ސަރުކާރު ހިންގުމުގައި އިޖްތިމާއީ ގޮތުން ދިމާވާ އެކި ގޮންޖެހުންތަކަށް އަލިއަޅުއްވާލާފައިވެއެވެ. އެގޮތުން ޖިންސީ ތަފާތުކުރުން ނައްތާލުމާއި އަތްފޯރާފަށުގައި ބޯހިޔާވަހިކަން ކަށަވަރުކުރުމާއި ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މައްޗަށް ނައިބު ރައީސް ވަނީ ވާހަކަފުޅުދައްކަވާފައެވެ.

މި ސަރުކާރަކީ ގައުމު ތަރައްގީ ކުރުމުުގައި ރައްޔިތުންގެ ލާބާއާއި މަންފާ ކުރިއަށް ނެރޭ ސަރުކާރެއްކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ޖަޒީރާ ރާއްޖެއެއްގެ ލަނޑުދަނޑިއާއެކު ރައްޔިތުންނަށް އަބުރުވެރިކަމާއެކު ދިރިއުޅެވޭނެގޮތަށް ރާއްޖެ ތަރައްގީ ކުރެވޭނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟