ޚަބަރު

އޭސީސީއާއި ބްރޯޑްކޮމްގެ މެމްބަރުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކުރަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ނައިބު މުގައްރިރު މީކާއީލް އަހްމަދު ނަސީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭސީސީއާއި ބްރޯޑްކޮމް، އެ ކޮމިޓީއަށް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު ކަމަށެވެ.

މީކާއީލް ވަނީ އޭސީސީއާއި ބްރޯޑްކޮމްގެ މެމްބަރުންނާ އާންމުން ކުރަން ބޭނުންވާ ސުވާލުތަކަށް ފުރުސަތު ހުޅުވާލައިފައެވެ. އެގޮތުން ސުވާލެއް އޮތް މީހަކު މީކާއީލްގެ ޓުވިޓާ އެކައުންޓަށް މެސެޖުކޮށްދެއްވުމަށް އޭނާ އެދިވަޑައިގަންނަވައެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީއާއި ބްރޯޑްކޮމް ހާޒިރުކުރަން ނިންމާފައި މިވަނީ، އެ ދެ ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުން ދަނިކޮށެވެ.