ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އުސޫލުތައް ނެގެހެއްޓުމަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަންކަން ފަސްޖެހުމެއްނެތި ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ގާނޫނުއަސާސީން އުފައްދާފައިވާ މުއައްސަސާތަކަކީ ވެސް އެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ތަންތަން ކަމަށާއި ގާނޫނުއަސާސީން އެކަށައަޅާފައިވާ ތިން ބާރާއި މުއައްސަސާތަކުގެ މަސައްކަތްތައް ގާނޫނުއަސާސީގައި ތަރުތީބުކޮށްފައިވަނީ އެއް ބާރުން އަނެއް ބާރަށް އަދި މުސްތަގިއްލު މުއައްސަސާތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒު ނުފޯރުވޭނޭ ގޮތުގެ މަތީން ކަމަށެވެ.
"ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލުތައް ނެގެހެއްޓުމަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރާންޖެހޭ އެންމެހައި ކަންކަން ފަސްޖެހުމެއްނެތި ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދިވެހި އެންމެހައި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަރުއްވައެވެ..،" ރައީސް ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
ރައީސް ސޯލިހު ވިދާޅުވީ ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އަކީ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމަށް ގާނޫނުއަސާސީން އެކަށައަޅާފައިވާ މުއައްސަސާކަމަށްވާ އިރު، އެ މުއައްސަސާގެ ނިންމުންތަކާ ގުޅިގެން އެ މުއައްސަސާ ޖާވާބުދާރީ ކުރުވޭނޭ ގޮތްވެސް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އެއީ ޖޭއެސްސީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމާއި އެކަމުގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް މަޖިލިސް މެދުވެރިކޮށް އެޅުން ކަމަށެވެ.
"އެއީ ގާނޫނުއަސާސީ އެކަމުގައި ދައްކާފައިވާ މަގުކަމަށްވާ އިރު، ޤާނޫނުއަސާސީގައި ވަކިގޮތެއް ކަނޑައަޅާފައިވާ ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމަކީ ދައުލަތުގެ އެއްވެސް ބާރަކަށް ގާނޫނުއަސާސީ ހުއްދަ ކުރާ ކަމެއް ނޫނެވެ...،" ރައީސްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ ހަރުދަނާކުރުމަކީ މި ސަރުކާރުގެ އެންމެ އަސާސީ ވައުދުކަމަށްވާ އިރު، އެ ވައުދު ފުއްދުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ވެސް އަރުވާ ކަމަށެވެ.