މިނިސްޓަރ ޔުމްނާ މައުމޫން

ޖަޒީރާވަންތަކަންމަތީ ރާއްޖެ ތަރައްގީ ކުރެވޭނީ ދިވެހިންގެ އަމިއްލަވަންތަކަން ދަމަހައްޓައިގެން: މިނިސްޓަރު ޔުމްނާ

ޖަޒީރާވަންތަކަންމަތީ ދިވެހިރާއްޖެ ތަރައްގީ ކުރެވޭނީ ދިވެހިންގެ އަމިއްލަވަންތަކަމާއި ބަހާއި ސަގާފަތާއި ތަރިކަ ދަމަހައްޓައިގެންކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ ދިވެހިރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް މިއީ ދިގު ތާރީހެއް އޮތް، އަމިއްލަވަންތަ ދިރިއުޅުމުގެ އާދަތަކެއް އޮތް ގައުމެއް ކަމަށާއި ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި މި ސިފަތައް ދަމަހައްޓަން ޖެހޭ ކަމަށެވެ.

އެގޮތުން ހިރިގަލުން ބިނާކޮށްފައިވާ މިސްކިތްތައް ދިވެހިރާއްޖެ ފިޔަވައި ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި ނެތްއިރު، އެއީ ދިވެހިންގެ އަމިއްލަވަންތަކަމުގެ އެއް މިސާލުގެ ގޮތުގައި އެކަމަނާ ވަނީ ސިފަކުރައްވައިފައެވެ. އަދި އެއީ ދިވެހިންގެ އިސްލާމީ ތާރީހާއި ހުނަރުވެރިކަމުގެ ރަމްޒެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ޔުމްނާ ވަނީ ދިވެހިރާއްޖޭގެ އެކި ހިސާބުތަކަށް ހާއްސަ ފަންނުތައް ދެނެގަނެ އެ ފަންނުތަކާއި ސަގާފަތާއި އާދަކާދައިގެ ތެރޭގައި ހުރި ކަންކަން ކުރިއެރުވުމުގެ މުހިއްމުކަމަށްވެސް އަލިއަޅުއްވާލައްވައިފައެވެ.

އެގޮތުން ފަންނުވެރިކަމާއި ސަގާފަތާއި ތަރިކައިގެ ދާއިރާއަށް ކުރިން ނުދޭ ފަދަ އަހައްމިއްޔަތުކަމެއް ދީގެން މިއަދު މަސައްކަތް ކުރަމުންދާ އިރު، އެ ދައިރާތަކަކީ އެކި ގޮތްގޮތުން އެ ދާއިރާތަކާއި އެތައް ވަޒީފާއެއް ގުޅިފައިވާ ދާއިރާތަކެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ކޮންމެ އަތޮޅަކަށް، އަދި ރަށަކަށްވެސް ހާއްސަ ކަންތައްތަކާއި ތަރިކަ ހުރި އިރު، މިއީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން ކުރިއެރުވިދާނެ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މި ދާއިރާތައް ކުރިއެރުވުމަކީ ދިވެހިންގެ ތެރޭގައި ތިބި ފަންނުވެރިންނަށް އެތައް ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމަށާއި އެއީ ގޭގައި ތިބެގެން މަސައްކަތްކޮށް، އާމްދަނީ ހޯދުމުގެ ފުރުސަތު އެތައް ބަޔަކަށް ފަހިވެގެންދާނެ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ހުނަރުވެރި ފަންނުވެރިން ތިބިކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ހާއްސަކޮށް ވިޜުއަލް އާޓްސް އާއި ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ހުނަރު ކުރިއެރުވުމަށް ފުރުސަތުތައް ހޯދައިދެއްވުމަށް ފޯރަމްގެ ބައިވެރިންގެ އަރިހުން އެދިވަޑައިގެންފައެވެ.