ބޭރުގެ ތިން އިއްޒަތްތެރިއަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ސަރބިއާގެ މިނިސްޓާ އޮފް ލޭބާ، އެމްޕްލޮއިމަންޓް، ވެޓަރަން އެންޑް ސޯޝަލް އެފެއާޒް، މިސްޓަރު ޒޯރަން ޖޯޖާވިޗާއި ޔޫއެންޑީޕީގެ އ.ދ ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިސްޓާ ހައުލެންގް ޒޫ އަދި ޔޫއެންއޯޕީއެސްގެ އ.ދ ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިސްޓާ ވިޓާލީ ވެންޝެބޮއިމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވީ މިއަދު
ކުރުނބާ މޯލްޑިވްސް ގައި ކަމަށެވެ.
ވަކިވަކިން މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުންތަކުގައި ސަރބިއާގެ ލޭބާ އެމްޕްލޮއިމަންޓް މިނިސްޓަރު ވެޓަރަން އެންޑް ސޯޝަލް އެފެއާޒާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމުގައި ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަކީ އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށާއި ރާއްޖޭގެ މަސައްކަތްތެރިންގެ ވެލްފެއާރގެ ކަންކަމަކީ ވެސް މުހިންމުކަން ދެއްވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ޔޫއެންޑީޕީގެ އ.ދ ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިސްޓަރ ހައުލެންގް ޒޫއާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމުގައި ޔޫއެންޑީޕީން ރާއްޖޭގައި ކުރިޔަށްގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެ މަސައްކަތްތަކުން ރާއްޖޭގެ އިގްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުމަށް އިތުރުބާރެއް ލިބިގެންދާކަމަށް ވިދާޅުވިއެވެ.
ޔޫއެންއޯޕީއެސްގެ އ.ދ ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިސްޓަރ ވިޓާލީ ވެންޝެބޮއިމާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމުގައި ޔޫ.އެން.އޯ.ޕީ.އެސްގެ ފަރާތުން ރާއްޖެއަށް ދެއްވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ.
އަދި ހާއްސަކޮށް ފެނުގެ ރައްކާތެރިކަމާބެހޭ ދާއިރާއިން ރާއްޖެއަށް އެ ޖަމާއަތުން ވެދޭ އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.