ޚަބަރު

އީޔޫ އިން ރާއްޖެއަށް އެހީގެ ގޮތުގައި 5 މިލިޔަން ޑޮލަރު ދެނީ

މުހައްމަދު އައުޒަމް

އީޔޫ އިން ރާއްޖެއަށް އެހީގެ ގޮތުގައި 5 މިލިޔަން ޑޮލަރު ދޭން ނިންމައިފިއެވެ.

މިހާރު ކުރިޔަށްދާ މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމްގައި ރާއްޖެއަށް އެހީގެ ގޮތުގައި 5 މިލިޔަން ޑޮލަރު ދޭނެކަމަށް ޔޫރަޕިއަން ޔޫނިއަން އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބަސަޑަރ ޓަންގ ލުއި މާރގް ވަނީ ބުނެފައެވެ.

މިއެހީގެ ބޭނުމަކީ ރާއްޖެއިން ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޑީސަލް ބޭނުންކުރުން މަދުކުރުމަށް ކުރަމުންދާ މަސައްކަތަށް އީޔޫ އިން އެހީވުމެވެ.

އެމްބަސަޑަރ މާރގް ބުނެފައިވަނީ ޔޫރަޕިއަން ޔޫނިއަންއަކީ ތިމާވެށި ރައްކާތެރިކުރުމަށާއި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމުގައި ތިބިބައެއް ކަމަށެވެ.

މީގެއިތުރުން އެމްބަސަޑަރ މާރގް ވަނީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން ދާދި އަވަހަށް ރާއްޖެއަށް އިރުގެ ހަކަތަ ބޭނުންކުރުމަށާއި ހަކަތަ ސަމަކާރަ ގޮތުގައި ބޭނުންކުރުމަށް 45 މިލިއަން ޑޮލަރުގެ ލޯން ހަމަޖެހިގެންދާނެކަމަށް ބުނެފައެވެ.