އިބްރާހިމް ޒަކީ
ރާއްޖޭގެ ޖަލުތަކުގެ ހާލަތު ބަލައި، ޖަލު ކޮމިޓީން ނެރުނު ޖަލުތަކާބެހޭ އޯޑިޓް ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ރިޕޯޓްގެ ބަހުސްގައި، ކޮމިޓީއަކަށް ފޮނުވައިގެން ރިޕޯޓް ރަނގަޅަށް ދިރާސާ ކުރުމަށްފަހު، ރަނގަޅު ރެކަމެންޑޭޝަންތަކެއް ސަރުކާރަށް ހުށަހެޅުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވަނީ ހުށަހަޅުއްވައިފައެވެ.
އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ހިންނަވަރު ދާއިރާގެ މެންބަރު އަދި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދެވެ.
މި ހުށަހެޅުމާއެކު ބިލް ބަލައިގަނަން މަޖިލީހުގައި ނެގި ވޯޓުގައި އެގޮތަށް ފާސްކޮށްފައިވަނީ، ޖަލްސާގައި ތިއްބެވި 80 މެންބަރުންގެ ތެރެއިން 79 މެންބަރުން ވޯތު ދެއްވައިގެންނެވެ.
ޖަލުތަކުގެ އޯޑިޓް ރިޕޯޓްގައި ، އެތަންނުުގެ ހާލަތާއި، އެތަންތަނުގައި ކުއްވެރިންނާމެދު އަމަލު ކުރަމުންދާ ގޮތާއި ޖަލުތައް އޮޕަރޭޓް ކުރާ ގޮތްތަކާއި، އެކަމުގައި ހުރި މައްސަލަތަކުގެ ތަފްސީލް ވަނީ ހިމަނައިފައެވެ.
ހޯމްމިނިސްޓްރީން ވެސް ބުނެފައިވަނީ "ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019" ގެ 179 ވަނަ އިރުޝާދުގައިވާ ފަދައިން އެ އެރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި އިސްލާހްކުރުމަށް ހުށަހަޅާފައިވާ ކަންތައްތައް ކުރަމުންދޭތޯ ބެލުމާއި އިސްލާހުތައް ގެނައުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދީ ތާވަލުކުރެވޭ ގަވާއިދަކުން އެކަންކަން ހިނގަމުންދޭތޯ ބެލުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް، ޕްރިޒަންސް ރިފޯމް މޮނިޓަރިންގ ކޮމިޓީ ގެނަމުގައި މިމަހު ތިނެއްގައި ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމަށެވެ.