ޚަބަރު

ބިދޭސީ ވަކީލުންނަށް ހުއްދަދީ، ވަކީލުންނާބެހޭ ހުރިހާކަމެއް ކުރުމަށް ބާ ކައުންސިލް އުފައްދާ ބިލް ބަލައިގެންފި

އިބްރާހިމް ޒަކީ

ބިދޭސީ ވަކީލުންނަށް ހުއްދަދީ، ރާއްޖޭގެ ވަކީލުންނާބެހޭ ހުރިހާކަމެއް ކުރުމަށް، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާ ކައުންސިލެއް އުފެއްދުމަށް ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް މަޖިލީހަށް ބަލައިގަނޭތޯ، ވޯޓަށް އެއްސެވުމުން ޖަލްސާގައި ތިއްބެވި 80 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 78 މެންބަރުންގެ އިއްތިފާގުން ބިލް ވަނީ މަޖިލީހަށް ބަލައިގެންފައެވެ.

"ގާނޫނީ ފަންނުގެ ގާނޫނު"ގެ ނަމުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި މި ބިލަކީ، ރާއްޖޭގެ ގާނޫނީ ދާއިރާގައި ހުރި ކަންކަން އިސްލާހު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ވަކީލުންނާބެހޭ ކަންކަން އިސްލާހު ކުރުމަށް ހުށަހެޅި ބިލެކެވެ.

މި ބިލަކީ ސީދާގޮތުން ކޯޓު ތަކާއި ފަނޑިޔާރުންނާ ގުޅުންހުރި ބިލެއް ނޫންނަމަވެސް، ގާނޫނީ ވަކީލުންނާ ބެހޭ ހުރިހާކަމަކާއި، ވަކީލުންގެ ހިދުމަތް ހޯދާ ފަރާތްތަކާބެހޭ ކަންކަން ބިލުގައި ވަނީ ހިމަނައިފައެވެ.

މިބިލުގައި މިފަދަ ގާނޫނެއް ބޭނުންވާ ސަަބަބުތަކުގެ ތެރޭގައި، ކޯޓުތަކުން ގާނޫނީ ވަކީލުން ރެގިއުލޭޓް ކޮށް، އެމީހުންނާމެދު ފިޔަވަޅު އެޅުން ހުއްޓުމަކަށްގެނައުން ވަނީ ހިމަނައިފައެވެ.

މި ބިލުގެ މަގުސަދު ތަކުގެ ތެރޭގައި، ގާނޫނަކުން އެކުލަވާލާ މިނިވަން މުއައްސސާއަކުން ވަކީލުންގެ ކަންކަން ރެގިއުލޭޓްކޮށް ފިޔަވަޅު އެޅުމާއި އެމީހުންގެ މަސައްކަތުގެ ދާއިރާ ކަނޑައަޅައި، ހައްގު ތަކާއި އިމްތިޔާޒުތައް ކަށަވަރުކޮށްދިނުމުގެ އިތުރުން ތަމްރީންދީ ގާނޫނީ ފަންނު ތަރައްގީކޮށް ބެލެހެއްޓުން ހިމެނެއެވެ.

ގާނޫނީ ވަކީލުންނަށް ފިޔަވަޅު އެޅުމާއި ސަސްޕެންޑް ކުރުމާއި ގާނޫނީ ވަކީލުކަން ކުރުމުގެ ބާރު މިހާރު ޝަރުއީ ނިޒާމަށް ލިބިފައި އޮތް ނަމަވެސް މި ބިލް ގާނޫނަކަށް ވުމުން މި ހުރިހާކަމެއް ކުރިއަށް ގެންދާނީ ، މި ގާނޫނުން އުފެދޭ ބާ ކައުންސިލުންނެވެ.

މި ބިލް ހުށަހަޅުއްވަމުން، އިމްތިޔާޒު ފަހުމީ ވިދާޅުވީ، މި ބިލުން ބިރުވެެރިކަމެއް ނެތި މިނިވަން ކަމާއެކު ވަކާލާތު ކުރުމުގެ ފުރުސަތު ގާނޫނީ ވަކީލުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ގާނޫނީ ވަކީލުން މިނިވަން ކުރުމުގެ ގާނޫނެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.