ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ އާއި މަސްއޫލިއްޔަތު ލުޔިކޮށެއް ނުނަގަން: ރައީސް ސޯލިހު

4

ރައްޔިތުން އެމަނިކުފާނާ ހަވާލުކުރި ޒިންމާ އާއި މަސްއޫލިއްޔަތު ލުޔިކޮށް ނުނަންގަވާ ކަމަށާއި އެކަންކަން ހާސިލުކުރުމަށް ކުރެއްވެއް އޮތް ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ކުރުނބާ މޯލްޑިވްސް ގައި، މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ފައްޓަވައިދެއްވަމުން މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި، ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ރީތި ކަމާއި އެ ރީތިކަމާ ގުޅިފައިވާ އެހެން ކަންކަން ވަނީ ދިވެހީންގެ ދިރިއުޅުމަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވައިފަ އެވެ. އަދި އެ ރީތި ކަމާއި ގުދުރަތީ މުއްސަނދިކަން ވަނީ ޒަމާނުއްސުރެ، ދިވެހީންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިލާމެހިފަ އެވެ. ދިވެހީންގެ ދިވެހި ވަންތަ ކަމާއި ދިވެހީން ތަރައްގީވާން ބޭނުންވާ ގޮތް ވެސް ވަރަށް ބޮޑަށް ބިނާވަނީ ރާއްޖޭގެ ގުދުރަތީ ރީތި ކަމާއި ގުދުރަތީ ވަސީލްތަތަކުގެ މައްޗަށް ކަމަށް ވެސް ރައީސް ވާހަކަފުޅުގައި ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ، ރާއްޖެ ތަރައްގީގެ މަގުގައި ކުރިޔަށް ދާ އިރު، ގުދުރަތީ ރީ ކަމާއި އެ މުއްސަނދިކަމުގެ ބޭނުން ހިފާން ޖެހޭ ކަމަށާއި އެހެން ނަމަވެސް، ތިމާވެށްޓާ ގުޅިފައިވާ އެހެން ކަންކަމަށް ބަލާ އިރު، ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ކުރުމާއި އެ ބޭނުންކުރާނޭ ނިސްބަތް ކަނޑައެޅުމުގައި ވިސްނާވަޑައިގަންނަވަން ޖެހޭ ގިނަ ކަންކަން އެބަ ހުރި ކަމަށެވެ.

"ރާއްޖޭގައި މި އޮތީ އާ ޓެކްނޮލޮޖީ އާއި އާ އީޖާދު ތަކާ އެކު ބާރު ސްޕީޑުގައި ތަރަރއްގީގެ ކަންކަން ކުރިޔަށް ގެންދާން ބޭނުންވާ ޒުވާން އާބާދީއެއް. އެހެން ނަމަވެސް ކުރުމުއްދަތުގެ ތަރައްގީއަށް އަމާޒުކޮށްގެން ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ގުރުބާން ކުރުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫން. އެހެންކަމުން އަޅުގަނޑުމެން ތަރައްގީގެ ކަންކަން ގެންދާނީ މި ދެބަޔަށް ވެސް ވިސްނުން ބަހައްޓައިގެން." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ މި ހުރިހާ ކަމެއްގެ ބޭނުންތެރިކަން ރައްޔިތުންގެ އިންތިހާއަށް އޮންނަ އިރު، އެއާއި އެކު ރައްޔިތުން އެދެނީ އިންސާފުވެރި ހެޔޮ ވެރިކަމަކަށް ކަމަށެވެ. އެހެން ކަމުން ތަރައްގީގެ ކަންކަން ކުރިޔަށް ގެންދާ އިރު ވެސް، އަޅުގަނޑުމެންގެ މުޅި ދިރިއުޅުން އެމައްޗަށް ބިނާވެފައިވާ ރާއްޖޭގެ ގުދުރަތީ ވެށީގެ ހިމާޔަތާއި ރައްކާތެރިކަމަށް ވިސްނަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟