ޚަބަރު

ސަރުކާރުން ސޮވެރިން ގެރެންޓީ ދިނުމަށް ގޮވާލައި ޖާބިރު ހުށަހެޅުއްވި ގަރާރު މަޖިލީހުން ބޭރުކޮށްލައިފި

އިބްރާހިމް ޒަކީ

ގެސްޓްހައުސްގެ ވިޔަފާރި ފުޅާ ކުރުމަށް، ސަރުކާރުން ސޮވެރިން ގެރެންޓީ ދިނުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ރައްޔޮތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހސުް ކުރިއަށް ގެންދިއުމަށްފަހު، އެ ގަރާރު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ވޯޓަށް އެއްސެވުމުން އެ ގަރާރު ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލާފައިވަނީ، ޖަލްސާގަިއ ތިއްބެވި 80 މެންބަރުންގެ ތެރެއިން 62 މެންބަރުން ވޯޓު ދެއްވައިގެންނެވެ. މި ބިލް ބަލައިގަންނަނަް ފެންނަކަމަށް 15 މެންބަރުން ވޯޓު ދެއްވިއެވެ.

މި ގަރާރަށް މަޖިލިހުގައި ކުރިއަށްގެންދިޔަ ބަހުސްގައި އެމްޑީޕީގެ މެންބަރުން ވަނީ ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ބައެއް މެންބަރުން ވަނީ މިއީ މަޖިލީހުގެ ވަގުތު ބޭކާރު ކުރުމަށް ހުށަހެޅުއްވި ބިލެއް ކަމަށް ވިދާޅުވެފައެވެ.

ބިލްގެ ބަހުސްގައި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ، އެ ގަރާރަކީ ސަރުކާރު ބަދުނާމުކޮށް، ބޮޑެތި ތުހުމަތުތަކެއް ހިމަނައި، ރޯ ބުހުތާނު ދޮގު ވާހަކަތަކެއް އެކުލެވިގެންވާ ގަރާއެއްް ކަމަށެވެ. އަދި އެއީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ގަރާރެއްގެ ސިފައިގައި ހުށަހަޅުއްވާފައިވާ ވާހަކަތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މަޖިލީޙުގައި ކުރާނެ ވަރަށް ބައިވަރު މަސއްކަތްތަކެއް އެބައޮތް. ކުރާނެ އެހެންކަމެއް ނެތުމުން ގަރާރު ހުށަހަޅަން އޮންނަ މަޖްލީހެއްނޫންމީ،" އޭނާ ވިދާޅުވިއެވެ.

އެ މެންބަރުން ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ކުރިއެރުމަށް ސަރުކާރުން ގިނަ އެހީތަކެއް ދެމުންދާ ކަމަށެވެ.

ފޯއްމުއްލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވީ، ފަސޭހައިން ލޯނު ލިބޭނެ ގޮތްތަކެއް މިހާރުވެސް ގާއިމް ކުރެވިފައިވާ ކަމަށެވެ. އަދި މި ގަރާރަކީ އެފަދަ މައުލޫމާތުތައް ރަނގަޅަށް އެނގިވަޑައި ނުގެން ހުށަހަޅުއްވާފައިވާ ގަރާރެއް ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީނޫން އެހެން ޕާޓީތަކަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން މި ގަރާރަށް ތާއީދު ކުރައްވައި ވާހަކަ ދެއްްކެވިއެވެ.

އެގޮތުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު ވިދާޅުވީ އެ ގަރާރަކީ މުހިއްމު ގަރާރެއް ކަމަށާއި، ގެސްޓު ހައުސް ވިޔަފާރިއަކީ އެންމެ ބާރަށް ކުރިއަރާ، އަދި އެންމެރަނގަޅު މަންފާއެއް ރައްޔިތުންނަށް ލިބޭ ވިޔަފާރިކަމަށްވާއިރު ލޯނު ލިބޭނެ ފަސޭހަ އުސޫލެއް އޮންނަންޖެހޭ ކަމަަށެވެ. އަދި ބޭންކްތަކުން ބާރަ ޕަސެންޓާއި ތޭރަ ޕަސެންޓްގެ އިންޓްރެސްޓުގައި ލޯނު ދޫކުރާއިރު އެއީ އެ ފަދަ ވިޔަފާރިއެއް ކުރެވޭވަރުގެ ކަމެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީއޭގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު، އާއި ޕީއެންސީއަށް ނިސްބަތްވާ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ގެ އިތުރުން މާވަށު ދާއިރާގެ މެންބަަރު މުހައްމަދު ސައީދުވެސް އެ ގަރާރަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވިއެވެ.

ޖާބިރުގެ ގަރާރުގައި ވަނީ ގެސްޓްހައުސްގެ ވިޔަފާރިން ދިވެހިންނަށް ލިބޭ މަންފާ ކުޑަވެ، ގެސްޓްހައުސްގެ މުޅި ވިޔަފާރި ބޭރުގެ އިންވެސްޓަރުންގެ ކޮންޓްރޯލްގެ ދަށަށް ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ބުނެފައެވެ. އަދި އެކަން އެގޮތަށް ހިނިގަނީ، ބޭންކުތަކުން އެ ސިނާއަތް ތަރައްގީ ކުރުމަށް އެކަށީގެންވާ ފައިނޭންސް ފޯރުކޮށް ނުދިނުމުގެ އިތުރުން ބޭންކްތަކުން ލިބެން ހުރި މަދު ފައިނޭންޝަލް ވަސީލަތްތަކަށް ވާސިލްވުމަށް އާންމު ވިޔަފާރިވެރިޔާ އަށް ހުރަސްތައް ކުރިމަތި ކުރުވާފައިވާތީއެވެ.

އެހެންކަމުން ގެސްޓްހައުސްގެ ވިޔަފާރި ބޭރުގެ މީހުންގެ ކޮންޓްރޯލްގެ ދަށަށް ދިޔަ ނުދިނުމަށް ދިވެހި ދައުލަތުން ސޮވެރިން ގެރެންޓީ ދީގެން ނަމަވެސް ގެސްޓްހައުސް އިންވެސްޓަރުންނަށް ފަސޭހަ އިން ފައިސާ ލިބޭނެ އިންތިޒާމުތަކެއް މިހާރުން މިހާރަށް ހަމަޖައްސައި އެ މަގުން އަމަލު ކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމް މި ގަރާގައި ވަނީ ލާޒިމް ކޮށްފައެވެ.