ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިއީ އަތޮޅުތަކުގެ ރައްޔިތުންނާ މެދު ވެފައިވާ ނާއިންސާފާ އަޅުގަނޑުމެން ކުރިމަތިލާން ޖެހޭ ވަގުތު: ރައީސް ސޯލިހް

މިއީ އަތޮޅުތަކުގެ ރައްޔިތުންނާ މެދު ވެފައިވާ ނާއިންސާފާ އަޅުގަނޑުމެން ކުރިމަތިލައި ލިބެން ޖެހޭ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ހޯދައިދޭން ޖެހޭ ވަގުތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި މިހާރު ކުރިޔަށްދާ، މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ހުޅުއްވައިދެއްވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުގެ ލާމަރުކަޒީ ޕޮލިސީ އެކުލަވައިލައިފައި ވަނީ މާލޭ ސިޓީއާއި އަތޮޅުތަކުގެ ރަށްރަށާ ދެމެދު ހުރި ތަފާތުތައް ނައްތައިލައި އެ ރައްޔިތުންނަށް ދޭން ޖެހޭ ހައްގުތައް ހޯދައިދިނުމަށް އިސްކަން ދީގެން އެކަމަށް ވިސްނުން ބަހައްޓައިގެންނެވެ.

"ޖަޒީރާ ރާއްޖޭގެ މައިގަނޑު އުސޫލުތައް ހެދިފައި ވަނީ އެ ތަފާތުކުރުންތައް ނައިތައިލުމުގެ މައްޗަށް. މިހާތަނަށް އައި އިރު ޕޮލިސީތައް ހެދުމާއި ޚިދުމަތްތަކާއި ވަސީލަތްތައް ފޯރުކޮށްދިނުން ފަދަ ކަންކަމުގައި ވެސް އެ މީހުންނަށް ހަމަހަމަ ފުރުސަތު ހޯދައިދެވިފައެއް ނުވޭ" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަތޮޅު ތަކުގެ ރައްޔިތުންގެ އެންމެ އަސާސީ ހައްގުތައް ކަމަށްވާ ތައުލީމު އަދި ސިއްހަތު ފަދަ ހައްގުތައް ހޯދުމަށް ވެސް އެމީހުން މާލެއަށް ދަތުރުކުރާތާ އެތައް ސަތޭކަ އަހަރެއް ފާއިތުވެގެން ގޮސްފައިވާ ކަމަށެވެ.

"ސަރުކާރުގެ ލާމަރުކަޒީ ޕޮލިސީ ހެދިފައިވަނީ މި މައްސަލަ ހައްލުކުރުމަށް އިސްކަން ދީގެން އެ ނިޔަތުގައި. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ގައުމީ ތަރައްގީ އާއި އަސާސީ ޚިދުމަތްތައް ގައުމުގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު ފެތުރިގެން ދާން ޖެހޭނެ." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު އަދި ވިދާޅުވީ، އަތޮޅު ތަކާއި ރަށްތައް ތަރައްގީ ކުރާނެ އެންމެ ރަނގަޅު ގޮތް ނިންމަން ވެސް އެނގޭނީ އެ އަތޮޅެއް ނުވަތަ ރަށެއްގެ ރައްޔިތުންނަށް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި ކައުންސިލްތަކުގެ މާލީ ތަނަވަސްކަން އިތުރުކޮށް މިނިވަންކަމާ އެކު ކުރިޔަށް ދިޔުމުގެ ފުރުސަތު ފަހިކުރުމަށް ޓަކައި ކައުންސިލްތަކާ އެކު ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.