ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން

ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މަސައްކަތް ނުހުއްޓޭނެ، ނުވެސް ހުއްޓުވޭނެ: ހިސާން

1

ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ނުހުއްޓޭނެ ކަމަށާއި އެކަން ނުވެސް ހުއްޓުވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާފައި ހުންނަވާ މެންބަރު ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

ހިސާން މިހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިމަހުގެ 12 ވަނަ ދުވަހު ނިންމި ނިންމުމަކީ ގާނޫނީ ބާރު ލިބިގެންވާ ނިންމުމެއް ކަމަށް ރައްޔިތުުންގެ މަޖިލީހުން ކަނޑައެޅުމަށް އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ރައްޔިތުުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރޭ ނިންމުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.

ހިސާން ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިޚާބުގަ އާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ރައްޔިތުން ސަރުކާރަށާއި މަޖިލީހާ މަތިކުރި ޒިންމާ އާއި މަސްއޫލިއްޔަތު ވަރަށް ސާފު ކަމަށެވެ.

ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މަސައްކަތް އެއް މިސްރާބެއްގައި ދާނީ ކުރިޔަށް." ހިސާން ވިދާޅުވި އެވެ.

ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. އެ މައްސަލައާ ގުޅިގެން އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.

ޖޭއެސްސީގެ އެ ނިންމުން ބާތިލުކޮށް، އަބްދުﷲ ދީދީއާ މެދު ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރު ނެރެފަ އެވެ. އެހެން ނަމަވެސް، ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް އަމަލު ނުކުރާނެ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ، ސުޕްރީމް ކޯޓުގެ އެ އަމުރަކީ ޖޭއެސްސީގެ ގާނޫނީ ބާރަށް ހުރަސް އަޅާ އަމުރެއް ކަމަށެވެ. އަދި ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން ތަންފީޒީ ނިންމުމެއްގެ ގޮތުގައި ދެމިއޮންނާނޭ ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޖޭއެސްސީން މިހެން ބުނެފައި ވަނިކޮށް، ފަނޑިޔާރު އަބްދުﷲ ދީދީ އިއްޔެ ވަނީ މަސައްކަތަށް ނިކުންނަވަން ފަށްޓަވައިފަ އެވެ. އަދި ޖޭއެސްސީގެ ފަސް މެންބަރެއްގެ މައްސަލަ އޭނާ ވަނީ ފުލުހުންނަށް ވެސް ހުށަހަޅުއްވައިފަ އެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ބެންޗުގައި އިންނަވައިގެން ބައްލަވާ ދެ މައްސަލައެއްވެސް ސުޕްރީމް ކޯޓުގައި މިއަދު ވަނީ ތާވަލުކޮށްފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟