ޚަބަރު

ޖޭއެސްސީގެ ފަސްމެންބަރެއްގެ މައްސަލަ ފަނޑިޔާރު އަބްދުﷲ ދީދީ ފުލުުންނަށް ހުށަހަޅުއްވައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަސްމެންބަރެއްގެ މައްސަލަ ފަނޑިޔާރު އަބްދުﷲ ދީދީ ފުލުުންނަށް ހުށަހަޅުއްވައިފިއެވެ.

ފުލުހުންވެސް ވަނީ އެކަން ޔަގީންކޮށްދީފައެވެ.

ފުލުހުން ބުނީ، ފަނޑިޔާރު ޑީޑީ ސިޓީއަކުން މިރޭ ހުށަހެޅުއްވި މައްސަލައަކީ ޖިނާއީ ތަހުގީގުކުރަން ޖެހޭ ބާވަތުގެ މައްސަލައެއްތޯ ބެލުމަށް ދިރާސާކުރަމުން އަންނަ ކަމަށެވެ.

ފުލުހުން އެ މައްސަލައާގުޅޭ އިތުރު މައުލޫމާތެއް ނުދެއްވިއެވެ. އެހެންކަމުން ފަނޑިޔާރު އެ މައްސަަލަ ހުށަހަޅުއްވާފައިވަނީ ކޮން މެންބަރުންތަކަކާބެހޭގޮތުންކަމެއް، އަދި އެއީ ކޮން މައްސަލައެއްކަން ވަނީ ސާފު ނުވެފައެވެ.

ފުލުހުންނަށް މައްސަލަ ހުށަހަޅުއްވާފައިވާއިރު، މިމަހުގެ 12 ވަނަ ދުވަހު ފަނޑިޔާރު އަބްދުﷲ ދީދީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސަންޕެންޑް ކުރުމުން، ސުޕްރީމް ކޯޓުން ވަނީ އެ ސަސްޕެންޝަން އުވާލައި ޖޭއެސްސީގެ ނިންމުމަށް އަމަލުނުކުރުމަށް އަމުރުކޮށްފައެވެ.

ޖޭއެސްސީގެ ނިންމުން ސުޕްރީމް ކޯޓުން ބާތިލް ކުރި މައްސަލައިގައި، ސުޕްރީމް ކޯޓުން އެގޮތަށް އަމުރު ނެރުނު ނަމަވެސް ޖޭއެސްސީގެ ނިންމުން ދެމެހެއްޓުމަށް އެ ކޮމިޝަނުން ވަނީ ނިންމައިފައެވެ.

ނަމަވެސް ޖޭއެސްސީން ސަސްޕެންޑް ކޮށްފައިވާ ފަނޑިޔާރު އަބްދުﷲ ދީދީ ރަސްމީ މަސައްތަކަށް ނިކުމެ ވަޑައިގަންނަވާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ވަނީ ބުނެފައެވެ. އަދި ފަނޑިޔާރު އަބްދުﷲ ދީދީ ބެންޗުގައި އިންނަވައިގެން ބައްލަވާ ދެ މައްސަލައެއްވެސް މާދަމާއަށް ވަނީ ތާވަލް ކޮށްފައެވެ.