އިބްރާހިމް ޒަކީ
ޖުޑިޝަލް ސާވިސް ކޮމިޝަނުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން ނިންމި ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމި ނިންމުމެއްކަމަށް ކަނޑައެޅުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެން ނުވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ހިިމެނިވަޑައިގަންނަވާ ކެންދު ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ ހުސެއިން މިހެން ވިދާޅުވީ، ޖުޑިޝަރީ ކޮމިޓީގައި މިރޭ ކުރިއަށްދިޔަ ބަހުސްގައި، އެ މައްސަލަ ތަކާބެހޭގޮތުން ކޮމިޓީން ރިޕޯޓެއް އެކުލަވާލައި މަޖިލީހުން ފާސްކުރަން ނިންމާއިރު، ޖޭއެސްސީން ނިންމި ނިންމުމަކީ ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތަށް ނިންމި ނިންމުމެއްކަމަށް މަޖިލީހުން ކަނޑައެޅުމަށް، ހަމަ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވުމުން އެއަށް ރައްދު ދެއްވައެވެ.
ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސަސްޕެންޑްކުރި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ޖޭއެސްސީއަށް ސުޕްރީމް ކޯޓުގެ ނުފޫޒު ފޯރުވާކަމަށް އެ ކޮމިޝަންގެ މެންބަރުން، ކޮމިޓީއަށް ދިން މައުލޫމާތުތަކާ ގުޅިގެން، އެކަމަށް މަޖިލީހުން ގޮތެއް ނިންމުމަށް ކަނޑައަޅައި، ކުރިއަށްދިޔަ ބަހުސްގައި އަލީ ހުސެއިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ކުރަންޖެހެނީ ދެ މަސައްކަތެއް ކަމަށެވެ.
އެއީ ގާނޫނު ހެދުމާއި ޖަވާބުދާރީ ކުރުވުން، ކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތްތަކުގެ ތެރޭގައި ޖުޑިޝަލް ރިވިއުގެ މަސައްކަތް ނުހިމެނޭކަމަށްވެސް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިނިވަން މުއައްސަސާތަކުން ނިންމާ ނިންމުންތަކަކީ، ގާނޫނުއަސާސީއާ އެއްގޮތް ނިންމުމެއް ކަމަށް، ނުވަތަ ގާނޫނުއަސާސީއާ ކިލާފް ނިިންމުމެއްކަން ކަނޑައެޅުމަކީ، ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިހުތިސާސް އަދި ބާރެއްނޫން ކަމަށެވެ.
އަދި މަޖިލީހުން އެގޮތަށް ނިންމަން ފަށައިފިނަމަ މަޖިލީހަށް މަސައްކަތް އެކުރެވެނީ ހުކުމް ކުރާ ކޯޓެއް ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ. އަދު ގާނޫނުއަސާސީގެ މަތިން މަޖިލީހަށްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށާއި، މަޖިލިސް ވެސް މަސައްކަތް ކުރަން ވާނީ ގާނޫނުއަސާސީގެ ދަށުން ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޖޭއެސްސީން ގޯސްކޮށް ކަންކަން ކުރަންޏާ ނުވަތަ ސުޕްރީމް ކޯޓުން ގޯސްކޮށް ކަންކަން ކުރަންޏާ މަޖިލީހުން ކުރަންޖެހޭ ކަމަކީ ގާނޫނުތަކަށް ބަދަލު ގެނަސްގެން އެތަނުގައި ތިއްބެވި ބޭފުޅުން ވަކިކުރުން ކަމަަށެވެ.
"އަޅުގަނޑު މިދަންނަވާ ވާހަކަ އަކީ މަޖިލީހަކުން ނުނިންމޭނެއޭ ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަން ނުވަތަ ނޫންކަން. ޖޭއެސްސީން ކަންކަން ގޯސްކޮށް ކުރާ ކަމަށްވަންޏާ، ނުވަތަ ސުޕްރީމް ކޯޓު އެކަމާ ބެހޭކަމަށްވަންޏާ އަޅުގަނޑުމެން ޖޭއެސްސީއަަށް އެދިގެން ނުވަތަ ގާނޫނުތަކަށް ބަދަލު ގެނެސްގެން ނަމަވެސް އަޅުގަނޑުމެންނަށް އޮންނަ އިޖުރާއަތްތަކުގެ ތެެރެއިން ފަޑިޔާރުން ވަކިކުރަންވީ. އއަޅަންޖެހޭ ފިޔަވަޅުތައް އަޅަންވީ. ނަމަވެސް ކޮމިޝަންތަކުން، އިންޑިޕެންޑެންޓް މުއައްސަސާތަކުން ނިންމާ ނިންމުންތަކުގެ ގާނޫނީ ހައިސިއްޔަތާމެދު ރަނަގޅުތޯ ނުވަތަ ގޯސްތޯ ކަނޑައަޅާ ބަޔަކަށް އަޅުގަނޑުމެންނަކަށް ނުވެވޭނެ. އެއީ ރައްޔިތުންގެ މަޖިލީހަށްވެސް ލިބިގެންވާ ބާރެއްނޫން،" އަލީ ހުސެއިން ވިދާޅުވިއެވެ.