ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރަކު ސަސްޕެންޑްކުރަން ނިންމުމުން އެކަމުގައި ސުޕްރީމް ކޯޓަށް އިތުރު ވާހަކައެއް ދެއްކުމުގެ ފުރުސަތެއް ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސަންޕެންޑް ކުރުމުން، ސުޕްރީމް ކޯޓުން ވަނީ އެ ސަސްޕެންޝަނަށް އުވާލައި ޖޭއެސްސީގެ ނިންމުމަށް އަމަލުނުކުރުމަށް އަމުރުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެފައިވަނީ، ޖޭއެސްސީން ފަނޑިޔާރަކު ސަސްޕެންޑްކުރުމަށް ނިންމުމުން، ސުޕްރީމް ކޯޓަށް އިތުރު ވާހަކައެއް ދެއްކުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. އަދި މިކަން ރީތިކޮށް ކުރުމުގެ ފުރުސަތުދެއްވުމަށް ވެސް އާޒިމް ވިދާޅުވެފައިވެއެވެ.
ޖޭއެސްސީގެ ނިންމުން ސުޕްރީމް ކޯޓުން ބާތިލް ކުރި މައްސަލައިގައި، ސުޕްރީމް ކޯޓުން އެގޮތަށް އަމުރު ނެރުނު ނަމަވެސް ޖޭއެސްސީގެ ނިންމުން ދެމެހެއްޓުމަށް އެ ކޮމިޝަނުން ވަނީ ނިންމައިފައެވެ.
ނަމަވެސް ޖޭއެސްސީން ސަސްޕެންޑް ކޮށްފައިވާ ފަނޑިޔާރު އަބްދުﷲ ދީދީ ރަސްމީ މަސައްތަކަށް ނިކުމެ ވަޑައިގަންނަވާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ވަނީ ބުނެފައެވެ. އަދި ފަނޑިޔާރު އަބްދުﷲ ދީދީ ބެންޗުގައި އިންނަވައިގެން ބައްލަވާ ދެ މައްސަލައެއްވެސް މާދަމާއަށް ވަނީ ތާވަލް ކޮށްފައެވެ.