ޚަބަރު

އެކެއް ފެބްރުއަރީގެ އަމުރާ ގުޅޭ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީއަށް

މިދިޔަ އަހަރުގެ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުުން ނެރުނު އަމުރު، ބާތިލް ކުރަން، ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ސޮއިކުރެއްވި، މިހާރުގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކާ ދެކޮޅަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސުލޫކީ މައްސަލައެއް ހުށަހަޅައިފިއެވެ.

"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި ޖުޑިޝަލް ސާވިސް ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުން ފަހުން ނެރުނު އަމުރުގައި ސޮއި ކުރެއްވި، މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފާ ދެކޮޅަށެވެ.

އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުންނެެވެ.

އެެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ، އޭރު ޖަލުގައި ތިއްބެވި، ސިޔާސީ ފަރާތްތަކެއް ދޫކޮށްލުމަށެވެ. ނަމަވެސް އެ އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް އޭރުގެ އުއްތަމަ ފަނޑީޔާރު، އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރިއެވެ.

އެބޭފުޅުން ހައްޔަރު ކުރުމަށްފަހު، އެއަމުރު ނެރެން ސޮއިކުރެއްވި އަނެއް ތިން ފަނޑިޔާރުން ކަމަށްވާ މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސޮއިކުރައްވައި ވަނީ އެ އަމުރުން ބައެއް ބާތިލްކުރަން އަމުރެއް ނެރުއްވައިފައެވެ.

އެކެއް ފެބްރުއަރީގެ އަމުރު ބާތިލް ކުރުމަށް ސުޕްރީމް ކޯޓުން އެ އަމުރު ނެރެފައިވަނީ، ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

ޖޭއެސްސީއަށް ސުލޫކީ މައްސަލަ ހުށަހަޅާފައި ވަނީ، ފުރަތަމަ އަމަރުގައި ސޮއި ކުރެއްވުމަށްފަހު، ހަމަ އެ ފަނޑިޔާރުން އެ އަމުރު ބާތިލް ކުރަން ސޮއި ކުރައްވާފައިވާ މައްސަލައިގައެވެ.