ޝަހީދާ އަބްދުﷲ ސައީދު
ރައްޓެހިވެގެން އުޅުން އަންހެނަކަށް، މާލޭ މަގުމަތީގައި އަނިޔާކުރި ފިރިހެނަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އިއްޔެ 7:20 ހާއިރު ދެ މީހަކު މާރާމާރީ ހިންގައިގެން އުޅޭކަމަށް ފުލުހުންނަށް ރިޕޯޓް ކުރުމުން، ފުލުހުން އެސަރަހައްދަށް ދިޔައިރު އެއީ ރައްޓެހިވެގެން އުޅުނު ދެމީހުންގެ ދެމެދުގައި ހިންގާފައިވާ ގެވެށި އަނިޔާގެ މައްސަލައެއްކަން ފާހަގަކުރެވުނު ކަމަށެވެ.
އަދި އަންހެންމީހާގެ އަތާއި ބޮލުގައި އަނިޔާ ފެންނަން ހުރި ކަމަށާއި އެވަގުތު އަންހެންމީހާ ހޮސްޕިޓަލަށް ގެންގޮސްދީފައިވާކަމަށެވެ.
އަދި ފިރިހެންމީހާ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ހައްޔަރުކުރި ފިރިހެންމީހާގެ ބަންދަށް ދިހަ ދުވަސް ޖަހައިދީފައިވާކަމަށާއި އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށެވެ.
މި މާރާމާރީ ހިންގި މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާންމުވެފައެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި މަގުމަތީގައި އަންހެންމީހާ އިށީނދެ އިން އިރު އަންހެންމީހާގެ ތިރިން ލާފައި ހުރި އަންނައުނެއް ނެތެވެ.
އެނގިފައިވާ ގޮތުގައި އަންހެންމީހާއަށް އަނިޔާކުރުމަށްފަހު އޭނާ މަގުމަތީގައި ބަރަހަނާކޮށްފައިވެއެވެ.
އަދި އެ ފިރިހެންމީހާ އަންހެންމީހާގެ އަތުގައި ހިފައި ކޫއްތާފައި ގެންދާ ކަހަލަ މަންޒަރެއްވެސް އެތަނުން އެއްފޮޓޯއިން ހާމަވެއެވެ.