މިނިސްޓްރީ އޮފް ހޯމްއެފެއާޒް

ގައިދީން މުޖުތަމައަށް ނެރުމާބެހޭ ގޮތުން ހޯމް މިނިސްޓަރާއި ޖެންޑާ މިނިސްޓަރު މަޝްވަރާކުރައްވައިފި

މަސްތުވާތަކެތީގެ މައްސަލައިގައި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީން އަނބުރާ މުޖުތަމައަށް ނެރުމާއި ބެހޭ ގޮތުން ހޯމް މިނިސްޓަރާއި ޖެންޑާ މިނިސްޓަރު މަޝްވަރާކުރައްވައިފިއެވެ.

''ވަންއޮންލައިން'' އަށް މައުލުމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ޑައިރެކްޓާ އޮފް ކޮމިއުނިކޭޝަންސް ހަފްސީ އަބްދުﷲ ވިދާޅުވީ ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އިމްރާން އަބްދުﷲއާއި ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފު ވަނީ، ހުކުމްތަންފީޒު ކުރަމުންދާ ގައިދީންގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ގައިދީން، އަނބުރާ މުޖުތަމައަށް ނެރުމަށްޓަކައި ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭ ގޮތުން މަސްވަރާކުރައްވާފައިވާކަމަށެވެ.

ގައިދީން އަނބުރާ މުޖުތަމައަށް ނެރުމާއި ގުޅޭގޮތުން އެގޮތުން ކަރެކްޝަނަލް ސާވިސްއާއި ނޭޝަނަލް ޑްރަގް އޭޖެންސީއާ އަދި ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކުރައްވަމުންދާކަމަށް ހަފްސީ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ވެސް އެކަމަށްޓަކައި ޖެންޑާ މިނިސްޓްރީއާ ގުޅިގެން ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި މިނިސްޓަރު އިމްރާން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަނީ ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން އަނބުރާ މުޖުތަމައަށް ނެރެ، އެމީހުންނަކީވެސް މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމެވެ.