މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

މިމަހު ހިނގި ބޮޑު ތިން އެކްސިޑެންޓެއްގައި އިހުމާލުވި ތިންފަރާތަކާމެދު ފިޔަވަޅުއަޅައިފި

މުހައްމަދު އައުޒަމް

މިމަހު ހިނގި ބޮޑު ތިން އެކްސިޑެންޓެއްގައި އިހުމާލުވި ތިންފަރާތަކާމެދު ފިޔަވަޅުއަޅައިފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ފިޔަވަޅު އަޅާފައި ވަނީ މިހިނގާ ޖޫން މަހު ހިނގާފައިވާ އެކްސިޑެންޓް ތަކުގައި އިހުމާލުވެފައިވާ ފަރާތްތަކާމެދުގައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މިމަހުގެ 4 ވަނަ ދުވަހު ހުޅުމާލޭ ލިންކު ރޯޑުގެ މަގުދެބައި ތަކުގައި ޖެހިގެން ހިނގި އެކްސިޑެންޓްގައި ކާރުގެ ޑްރައިވަރުގެ ލައިސަންސް އެއް އަހަރު ދުވަހަށް ހިފަހައްޓައިފައެވެ. މީގެ އިތުރުން އެކްސިޑެންޓް ހިނގުމުން މައްސަލަ އަންގަން ޖެހޭ ފަރާތްތަކަށް ނާންގައި ސިއްރުކުރި މައްސަލައިގައިވެސް ކާރުގެ ޑްރައިވަރު ވަނީ ޖޫރިމަނާކޮށްފައެވެ.

މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ ބްރިޖް މަތިން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގޮސް މެރިން ރިސާޗް ސެންޓަރުގެ ފާރުގައި ޖެހި ހިނގި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާގެ ލައިސަންސް ވަނީ އެއް އަހަރާއި ހަމަސް ދުވަހަށް ހިފަހައްޓާފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ފިޔަވަު އެޅި ތިންވަނަ ފަރާތަކީ މިމަހުގެ އަށްވަނަ ދުވަހު މާލެ ހުޅުމާލެ ލިންކުރޯޑުގައި ރާޑަރު ހިމެނޭ ސަރަހައްދުން ބާރު ސްޕީޑެއްގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެގޮސް މަގުދެބައި ތަކުގައި ޖެހި ހިނގި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާއެވެ. އެމީހާގެ ލައިސަންސް އެއް އަހަރު ދުވަހުގެ މުއްދަތަކަށް ވަނީ ހިފަހައްޓާފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މި ތިން އެކްސްޑެންޓްގައި އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވަނީ މޯލްޑްވިސް ޕޮލިސް ސާވިސް އިން އެފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅުމަށް އެދުމުންނެވެ.