ސްޕޯޓްސް ކައުންސިލް އުވާލައިފި އެވެ.
ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވީ ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ސަރުކާރުން އެކުލަވައިލައިފައިވާ ސްޕޯޓްސް ކައުންސިލް އުވައިލެއްވީ ގާނޫނު ނަންބަރު 30/2015 އާއި އެއްގޮތަށް އެ ކައުންސިލް އަލުން އެކުލަވައިލެއްވުމަށް ކަމަށެވެ. ހިނގަމުން އަންނަ ސްޕޯޓްސް ކައުންސިލް އުވައިލެއްވީ މިއަދު ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.
"ދެން ކައުންސިލް އެކުލަވައިލާނީ އިންތިޚާބުކުރަން ޖެހޭ މެންބަރުންނާ އެކު. ކައުންސިލް މެންބަރުންނަށް ޝުކުރު އަދާކުރަން." މިނިސްޓަރު މަހުލޫފް މީގެ އިރުކޮޅެއް ކުރީން ކުރެއްވި ކުރު ޓުވީޓެއްގައި ވިދާޅުވި އެވެ.
ހިނގަމުން އަންނަ ސްޕޯޓްސް ކައުންސިލް އުވައިލެއްވި އިރު، ކުޅިވަރުގެ ދާއިރާގެ ގިނަ މައްސަލަތަކެއް އެ ދާއިރާތަކުގެ މީހުން ވަނީ ފެންމަތިކޮށްފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑު ދެ ކުޅިވަރު ކަމަށްވާ ފުޓުބޯޅަ އާއި ވޮލީގެ މައްސަލަތައް ވަކީން ބޮޑަށް ފާހަގަ ކުރެވެ އެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް، ބައްސާމް އަދީލް ޖަލީލާއި ސްޕޯޓްސް މިނިސްޓްރީއާ ދެމެދު މީގެ ދުވަސްތަކެއް ކުރީން ވަނީ މައްސަލަ ހޫނުވެފަ އެވެ. އެފްއޭމް ހިންގުމުގައި ގިނަ މައްސަލަތަކެއް ހުރިކަން ސަރުކާރުން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި އެ ތަން ސިޔާސީ ބޭނުން ތަކަށް ބޭނުން ކުރުން ވެސް ފާހަގަކޮށްފައިވެ އެވެ.
ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ގިނަ މައްސަލަތަކެއް މި ފަހަކަށް އައިސް މީޑިއާގައި ވަނީ ތިލަ ވެފަ އެވެ. އެ މައްސަލަތައް ހޫނުވެ، ސްޕޯޓްސް ކޮމިޝަނަރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ވީއޭއެމްގެ ރައީސް، މުހައްމަދު ލަތީފު މަގާމުގެ ޒިންމާތަކުން ދުރުކޮށްފަ އެވެ. އަދި އެސޯސިއޭޝަން ހިންގުމަށް ފަސް މެންބަރުންގެ ކޮމެޓީއަކުން ވަނީ ހަވާލުވެފަ އެވެ.