ހަތަރު ގައުމެއްގެ ސަފީރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި އެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި އެކަމަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ސަފީރުކަމުގެ ފަތްކޮޅު ރައީސް ސޯލިހަށް އަރުވާފައިވަނީ؛
- ނިއުޒިލޭންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިޒް ޖޮއާން ޓިންޑޯލް
- އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޑޭވިޑް ޖޮން ހޮލީ
- މޯލްޓާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ސްޓެފަން ބޯރގް، އަދި
- ބަހްރެއިން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޢަބްދުއްރަޙްމާން މުޙައްމަދު އަލް ޤަޢުދު އެވެ.
މި ހަތަރު ބޭފުޅުންވެސް ވަނީ ސަފީރުކަމުގެ ފަތްކޮޅު ރައީސް ސޯލިހުއަށް އެރުވުމަށް ފަހު ކުރިއަށް ދިޔަ ބައްދަލުވުމުގައި އެގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުންތަކަށް އަލި އަޅުވައި ވާހަކަ ދައްކަވައިފައެވެ. އަދި އެ ގައުމުތަކާއި ރާއްޖެއާއި އޮންނަ ގުޅުން ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި އިތުރަށް ބަދަހިކުރެއްވުމަށް ޝައުގުވެރިކަން ފާޅު ކުރެއްވި އެވެ.
މި ބައްދަލުވުމުގައި މިމަހު 17 އިން 18 އަށް ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައިވާ "މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް 2019" ގައި އެގައުމުތަކުން ބައިވެރިވެފައިވާތީ ރައީސް ސޯލިހު ވަނީ އެކަމަށް ޝުކުރު އަދާކުައްވައިފަ އެވެ. އަދި މަގާމުތަކާއި ހަވާލުވެވަޑައިގެންނެވި ސަފީރުންނަށް ރައީސް ސޯލިހު މަރުހަބާ ވިދާޅުވިއެވެ.