މިއަހަރުތެރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްބިއުލެންސް ގެ ހިދުމަތް ފެށޭނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ހެލްތް މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލު ވުމެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ އަތޮޅުތެރޭގައި އެމްބިއުލެންސްގެ ހިދުމަތް އެއްވެސް ވަރަކަށް ނެތޭ ދެންނެވުމަކީ މުޅިން ދޮގަކަށް ނުވާނެކަމަށެވެ. އެގޮތުން ގިނަ ރަށްރަށުގައި އެމްބިއުލެންސް ހުރި ނަމަވެސް އެމްބިއުލެންސްތައް ހުރީ ހަރަކާތްތެރިވާ ހާލަތުގައި ނޫންކަން އަމީން ފާހަގަ ކުރިއެވެ.
އަމީން ވިދާޅުވީ މި އަހަރު ބަޖެޓުގައި އެމްބިއުލެންސް ހޯދުމަށް ހިމަނާފައި ނުވާކަމަށެވެ. ނަމަވެސް ބޭރުގެ އެހީއާއި ބަޖެޓުން މިކަން ފަހިކޮށްދިނުމާއެކު މިއަހަރު ނިމުމުގެ ކުރިން 70އަށް ވުރެ ގިނަ ރަށްރަށަށް އެމްބިއުލެންސްގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އަމީން ވިދާޅުވިއެވެ.
މިގޮތުން 20 އެމްބިއުލެންސަށް ޓެންޑާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ރާއްޖެއިން ބޭރުގެ ގައުމުތަކުގެ ހިލޭ އެހީގެ ގޮތުގައި 21 އެމްބިއުލެންސްގެ އިތުރުން އަވައްޓެރި ބައެއް ގައުމުތަކުން އެހީގެ ގޮތުގައި ދޭ އެމްބިއުލެންސް ލިބުނުހާ އަވަހަކަށް އެމްބިއުލެންސްގެ ހިދުމަތް ފަށާނެ ކަމަށް އަމީން ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކައިގައި ސީ އެމްބިއުލޭންސްގެ ހިދުމަތްތައް މިހާރަށް ވުރެ ހަރުދަނާކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ވެސް ފާހަގަކުރެއްވި އެވެ. އެގޮތުން މި ހިދުމަތް އެންމެ އެކަށޭނެ ގޮތުގައި ފޯރުކޮށް ދިނުމަށް 25 ސީ އެމްބިއުލޭންސްގެ ހިދުމަތް ބެނުންވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.