ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ޕާޓްނާޝިޕް ފޯރަމުގައި 31.2 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމުގައި ސޮއިކުރާނެ: މިނިސްޓަރު ޝާހިދު

ޝަހީދާ އަބްދުﷲ ސައީދު

މާދަމާ ރާއްޖޭގައި ބާއްވާ ޕާޓްނާޝިޕް ފޯރަމް ނިމޭއިރު ރާއްޖެއާއެކު 31.2 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމުގައި އެކި ފަރާތްތަކުން ސޮއިކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޕާޓްނާޝިޕް ފޯރަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މާދަމާ ފަށާ ފޯރަމް ނިމިގެންދާއިރު ރާއްޖޭގެ ތަރައްގީއަށް ހިންގާ އެކިއެކި މަޝްރޫއުތައް ފޯރަމްގެ ބޭފުޅުންނާ ހިއްސާކުރައްވާނެ ކަމަށެވެ.

އަދި އެކަމަށް ވަކި ޕޯޓަލެއް ހަދައިގެން ކަމާބެހޭ މައުލޫމާތުތައް ފޯރަމްގެ ބައިވެރީންނަށް ދެމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ފޯރަމް ނިމޭއިރު ބައެއް ގައުމުތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރަން މިހާރު ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން ޖަޕާން ސަރުކާރުން 500 މިލިއަން ޖަޕަނީސް ޔެން (4.6 މިލިއަން ޑޮލަރު) ގެ އެގްރިމެންޓެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މިއީ ރާއްޖޭގެ އިގުތިސޯދީ އަދި އިޖްތިމާއި ތަރައްގީއަށް އެހީވެދިނުމަށް ދޭ އެހީއެއް ކަމަށް ވިދާޅުވިއެވެ.

އަދި އެމެރިކާ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ކުރީން ދޭން ނިންމާފައި އޮތް ތިން މިލިއަން ޑޮލަރުގެ އެހީގެ އެގްރިމެންޓަށް އިސްލާހު ގެނެސް، އެގާރަ މިލިއަން ޑޮލަރަށް އިތުރުކޮށް، އެއްބަސްވުމުގައި އަލުން ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޖޯޖިއާ އާއި ރާއްޖެއާ ދެމެދުގައި މަޝްވަރާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށާއި އަދި ޖޯޖިއާ އާއެކު ފަތުރުވެރިކަން ކުރިއެރުވުމަށް އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ދެމުން އަންނަ އެންޑީސީގެ އެހީގެ ދަށުން ގްރީން ހައުސް ރާއްޖޭގައި އިތުރުވަމުންދާ ގޮތާއި ބެހޭ ގޮތުން ކުރެވޭ މަސައްކަތަށް ފަސް މިލިއަން ޔޫރޯގެ އެހީއެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

އޭގެ އިތުރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ރާއްޖެއަށް ދޭ އެހީގެ ދަށުން ދިހަ މިލިއަން ޑޮލަރުގެ ޕްރޮޖެކްޓްގެ އެއްބަސްވުމުގައިވެސް ސޮއިކުރެވޭނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. މި އެއްބަސްވުންތަކުން ލިބޭ ފައިސާގެ ޖުމުލަ އަދަދު 31.224،260 އަށް އަރައެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ އަދިވެސް މަޝްވަރާތަކަށް ފަހު އިތުރު އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހަމަޖައްސައިފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން އިންތިޒާމްކޮށްގެން މާދަމާ ފަށާ މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމަކީ މިހާތަނަށް މިފަދަ ގޮތަކަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ހަރަކާތެކެވެ. މި ފޯރަމުގައި 60 އަށް ވުރެ ގިނަ ވަފުދުން ބައިވެރިވާނެއެވެ. 35 ގައުމުން ބައިވެރިވާ މިފޯރަމުގައި ބައިނަލްއަގްވާމީ 27 ޖަމާއަތަކުން ވެސް ބައިވެރިވާނެއެވެ.

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ބޭއްވުމަށް ހަމަޖައްސައިފައިވަނީ ކުރުނބާ މޯލްޑިވްސްގަ އެވެ. ފޯރަމް ފެށުމަށް ހަމަޖައްސައިފައިވަނީ މާދަމާ ހެނދުނު ނުވައެއް ޖަހާއިރު އެވެ.