ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން

އެމްއެންޔޫ އިން މެޑިކަލް ކޮލެޖުގެ ހިދުމަތް ފެށީ ރަނގަޅަށް ތައްޔާރު ނުވެ: ހެލް މިނިސްޓަރު

މަރިޔަމް ޝަހުދާ

މޯލްޑިވްސް ނެޝަނަލް ޔުނިވާރސިޓީ، (އެމްއެންޔޫ) ގައި ސްކޫލް އޮފް މެޑިސިން ނުވަތަ މެޑިކަލް ކޮލެޖުގެ ހިދުމަތް ފެށީ ތައްޔާރުވާންވީ ވަރަށް ތައްޔާރު ނުވެވެނީސް ކަމަށް މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ހެލްތް މިނިސްޓްރީގެ ނޫސްވެރީންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ މިހާތަނަށް ލިބިވަޑައިގެންފައި ހުރި މައުލޫމާތުތަކުން އެނގިވަޑައިގަންނަވާ ގޮތުގައި ތައްޔާރުވާންވީވަރަށް ތައްޔާރު ނުވެ މެޑިކަލް ކޮލެޖުގެ މަސައްކަތް ފެށުމުން އެ ކޮލެޖު ހިންގުމަށް ވަރަށް ގިނަ ގޮންޖެހުންތަކާ އެމްއެންޔޫއަށް ވަނީ ކުރިމަތިވެފައެވެ. އަދި އެ ކަންކަން ހައްލު ކުރުމަށް ޔުނިވަސިޓީ އާއި ސިއްހީ ދައިރާގެ އެހެން އިންސްޓިޓިއުޝަން ތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އަމީން ވިދާޅުވީ މިއީ ހެޔޮ ނިޔަތެއްގައި ނުވަތަ ސިޔާސީ ބޭނުކަމަށް ފެށިކަމަކަށް ވެސް ވެދާނެކަމަށެވެ.

'އަޅުގަނޑަށް ލިބިފަހުރި މައުލޫމަތުތަކުން އަޅުގަނޑަށް ގަބޫލު ކުރެވެނީ، މެޑިކަލް ކޮލެޖުގެ ހިދުމަތް ފެށިއިރު ތައްޔާރު ނުވެ ހިދުމަތް ފެށީ ކަމަށް. އެއީ ރަނގަޅު ނިޔަތެއްގައި ފެށިކަމަކަށްވެސް ވެދާނެ. ސިޔާސީ މަގްސަދެއްގައި ފެށި ކަމެއްކަމަކަށްވެސް ވެދާނެ.'' އަމީން ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރީންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވި ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މެޑިކަލް ކޮލެޖެއް ރާއްޖޭގައި ހިންގުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އަވަހަށް ކޯސް ފެށުމަކީ ރަނގަޅު ކަމެއް ކަމަށާއި އެއީ މަނާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މެޑިކަލް ކައުންސިލްގެ ރޯލަކީ ފެންވަރު ކަނޑައެޅުން ކަމަށް ވާއިރު ކައުންސިލުން ހުއްދަ ނުދެނީސް ކިޔަވައިދޭން ފެށުމަކީ ނުގަވައިދުން ކުރާ ކަމެއް ކަމަކަށް ނުދެކެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.