ޚަބަރު

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމުގެ "ޕިންކް ރިބަން ވޯކް"އަށް ބޮޑު ތަރުހީބެއް

އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ބޭއްވި "ޕިންކް ރިބަން ވޯކް" ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފިއެވެ.

ކެންސަރ ސޮސައިޓީގެ ސެކްރެޓަރީ ޖެނެރަލް އަފާ އަދުނާން "ވަން އޮންލައިން"އަށް ވިދާޅުވީ މާލޭގެ އިތުރުން 27 ރަށެއްގައި ބާއްވުމަށް ތާވަލުކުރި ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ތިން ރަށެއްގައި އެ ހިނގާލުން މިއަދު ބޭއްވިފައިނުވާ ކަމަށެވެ. ނަމަވެސް އަންނަ ހަފްތާ ތެރޭގައި އެ ތިން ރަށުގައި ވެސް އެ ހިނގާލުން ބާއްވާނެ ކަމަށް އަފާ ވިދާޅުވިއެވެ.

ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން މިއަދު ބޭއްވި ޕިންކް ރިބަން ވޯކްގައި 3000އާ ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވި ކަމަށާއި ހިނގާލުން ކުރިއަށްދިޔައިރު އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުވުމުގެ މެސެޖުތައް ދީފައިވާ ކަމަށް އަފާ ވިދާޅުވިއެވެ.

އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުވުމުގެ އިތުރުން އެ ހިނގާލުން ކުރިއަށް ގެންގޮސްފައިވަނީ ފަންޑް ރެއިސިން އިވެންޓެއްގެ ގޮތުގައެވެ. އެ ހިނގުމަށް ހާއްސަކޮށްފައިވާ ޓީޝާޓު 150 ރުފިޔާއަށް ވިއްކާފައިވާ އިރު، ޓީޝާޓު ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރަނީ ކެންސަރ ސޮސައިޓީއަށެވެ. ގާތްގަނޑަކަށް 3000 މީހުން ޓީޝާޓު ގަނެފައިވާ ކަމަށް ކެންސަރ ސޮސައިޓީން މައުލޫމާތުދެއެވެ.

މިއަހަރަކީ އެ ހިނގާލުން ބޭއްވި ފަސްވަނަ އަހަރަށްވާ އިރު، މިދިޔަ އަހަރު ވެސް އެ ހިނގާލުމަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. މިދިޔަ އަހަރު އެ ހިނގާލުން ޖުމްލަ 30 ރަށެއްގައި ބާއްވާފައިވެއެވެ. އޭގެ ތެރޭގައި އަމިއްލައަށް އެދިގެން އެ ހިނގާލުން ބާއްވަން ބޭނުންވެގެން ހިނގާލުން ކުރިއަށްގެންދިޔަ ބައެއް ރަށްތައް ހިމެނޭ ކަމަށް ކެންސަރ ސޮސައިޓީން ބުނެއެވެ.