ވަކި ދާއިރާއަކަށް ހާއްސަކޮށް، ''ސްޕެޝަލައިޒްޑް'' ފަސް ހޮސްޕިޓަލެއް ރާއްޖޭގައި ތަރައްގީ ކުރުމަށް ހެލްތް މިނިސްޓްރީއިން ނިންމައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، އިތުރަށް ތަރައްގީ ކުރަން ނިންމާފައި ވަނީ ޖުމުލަ 10 ހޮސްޕިޓަލު ކަމަށާއި އޭގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި ތަރައްގީ ކުރާ ފަސް ހޮސްޕިޓާ ތަރައްގީ ކުރާނީ ވަކި ވަކި ދާއިރާތަކަށް ޚާއްސަކޮށްގެން ކަމަށް އަމީން ވިދާޅުވި އެވެ.
އެގޮތުން ފުރަތަމަ ތަރައްގީ ކުރުމަށް ހަމަޖައްސާފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، ގަމު ރީޖަނަލް ހޮސްޕިޓަލް އަދި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. މި ފަސް ހޮސްޕިޓާ ތަރައްގީ ކުރުމަށް ހަމަޖައްސައިފައިވަނީ ހޮސްޕިޓާ ހިމެނޭ ސަރަހައްދަށް ބޭނުންވާ ސިއްހީ ހުރިހާ ހިދުމަތެއް އެތަންތަނުން ލިބޭ ވަރަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަމީން ވިދާޅުވީ މިހާރުވެސް ހިތަދޫ ރިޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލުގެ އިމާރާތް ކޮންޓްރެކްޓަރުން މިނިސްޓްރީއާ މި މަހުގެ ނިޔަލަށް ހަވާލު ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނީ ތަރައްގީ ކުރާ ހުރިހާ ހޮސްޕިޓަލެއްގެ މެނޭޖްމަންޓަކީ ހަރުދަނާ މެނޭޖްމަންޓަކަށް ހެދުމުގެ އިތުރުން އެ ހޮސްޕިޓާތަކަށް ބޭނުންވާ އިންސާނީ ވަސީލަތާއި މެޝިނަރީ ހަމަކުރުމަށް ކަމަށެވެ.
މި ފަސް ހޮސްޕިޓަލުގެ ތެރެއިން ރާއްޖޭގެ އުތުރުން ހޮސްޕިޓަލެއް ތެލެސީމިއާއަށް ހާއްސަ ކުރުމަށާއި، ދެކުނުގައި ކެތު ލެބު ހިދުމަތް ފުޅާ ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. އަމީންގެ ވާހަކައިގައި ވަނީ މި ހުރިހާ ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ވަކި އޮނިގަނޑެއް ހަދާފައިވީނަމަވެސް މިއަދާ ހަމަޔަށްވެސް އެ އޮނިގަނޑަށް އަމަލު ކުރެވިފައިނުވާކަން ފާހަގަ ކުރައްވައިފައެވެ. އަދި މި އޮނިގަނޑާ އެއްގޮތަށް 10 ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ބިލިއަނެއްހާ ރުފިޔާ ބޭނުންވާ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.