ކުނި މެނޭޖު ކުރުމަށް ފައިސާ ދެއްކުމަކީ އަސާސީ ކަމެއްކަމަށް ވާންޖެހޭ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދަޅުވީ ކޮންމެ މީހަކުވެސް ފަރުދީ ޒިންމާއެއްގެ ގޮތުގައި އެމީހަކު އުފައްދާ ކުންޏަށް ޒިންމާ ނަގަން ޖެހޭ ކަމަށެވެ.
އަދި ކުނި އުފައްދާ މިންވަރު މަދު ކުރަން ޖެހޭ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވި އެވެ. އަދި އެމީހަކު އުފައްދާ ކުންޏަށް ފައިސާ ނުދައްކާނަމަ، ހިލޭ ކަމެއް ކުރެވޭނެނަމަ އެކަމުގެ އަގު ވަޒަނެއް ނުކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ގެއިން ކުނި ކޮތަޅުނަގާ ބޭރަށް ލުމާއެކު އަމިއްލަ ޒިންމާ އަދާކުރެވުނީކަމަށް ގިނަ ބަޔަކު ދެކޭ އިރު ކުންޏަށާއި ކުނި މެނޭޖު ކުރުމަށް ފައިސާ ނެގުމަކީ އަސާސީ ކަމެއްކަމަށް ދެކޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކައިގައި މާލެ އިން ތިލަފުއްޓަށް ދުވާލަކު 500 ޓަނުގެ ކުނި ގެންދެވޭކަމަށް އަންދާޒާ ކުރެވޭއިރު މީގެ ތެރެއިން %60 ކުންޏަކީ ގޭގޭގެ ބަދިގެއިން ނެރޭ ކުނި ކަމަށް ވިދާޅުވިއެވެ.
މިކަން ވަކިން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވިގޮތުގައި ގޭގެއިން އުކާލާ ކާތަކެތި އިސްރާފު ކުރުމުގެ ބަދަލުގައި އިސްރާފު ނުވާ ވަރަށް ކައްކައިގެން، ނުވަތަ އެއް ފަހަރު ކައިފަ އުކާލުމުގެ ބަދަލުގައި ފަހަށް ރައްކާކޮށްފިނަމަ ކުނީގެ ގޮތުގައި އުކާލެވޭ ކުނީގެ އިންސައްތަ މަދުވާނެކަމަށެވެ. އަދި މިއީ ތިމާގެ ޖީބަށްވެސް ލުއިވާނެ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މޫދަށް ކުނި ނޭޅުމަށް މިނިސްޓަރގެ ވާހަކައިގައި ވަނީ ގޮވާލައްވައިފައެވެ.
މޫދަށް ކުނި އެޅުމުން މަސްތަކައް އެކުނިތައް ކެވި، އޭގެ ސަބަބުން ގެއްލުންވަނީ އަހަރެމެން އިންސާނުންނަށް ކަމަށް މިނިސްޓަރ ވަނީ ހަނދާންކޮށްދެއްވައިފައެވެ.