ސަރުކާރަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައިވާއިރު ގައުމުގެ މަސްލަހަތު ގެއްލޭގޮތަށް ވަކިވަކި ފަރުދުންނަށް އަމާޒުނުކުރުމަށް ޕީޕީއެމް އިން ގޮވާލައިފި އެވެ.
ޕީޕީއެމް އިން މިގޮތަށް ގޮވާލާފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އިން ސަސްޕެންޑު ކުރި ފަނޑިޔާރު އަބްދުﷲ ދީދީއާ މެދު ފިޔަވަޅު ނޭޅުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް ކިޔަމަން ނުވުމަށް އެ ކޮމިޝަނުން ނިންމުމުން އެކަން ކުށްވެރިކޮށް އާންމު ކުރި ނޫސްބަޔާނެއްގައެވެ.
މިއަދު ޕީޕީއެމް އިން އާންމު ކުރި ނޫސްބަޔާނުގައި އެމްޑީޕީއިން އިސްވެ އޮވެ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ހަލަކުވާގޮތަށް ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަލް ސާވިސް ގުޅިގެން މަސައްކަތް ކުރާކަމަށް ތުހުމަތުކޮށް އެކަން ވަނީ ކުށްވެރިކޮށްފައެވެ.
ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތް ނޫން ގޮތަކަށް އަމަލު ކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަން ފާހަގަކޮށް ޕީޕީއެމް އިން މި ނޫސް ބަޔާނުގައި ބުނެފައިވަނީ ފަނޑިޔާރަކަށް ވިޔަސް އާންމު ފަރުދަކަށް ވިޔަސް އެމީހަކާއެދު ކަންކުރެވޭނީ ގާނޫނާއި އެއްގޮތުގެ މަތީން، އެމީހެއްގެ ހައްގުތަށް ހިމާޔަތްވާގޮތައްކަމަށެވެ. އަދި އިދާރީ ގޮތުން ނިންމާ ނިންމުމަކާ ގުޅޭ ގޮތުން ޝަރީއަތައް ދިއުމަކީ ކޮންމެ މީހަކަށް ގާނޫނު އަސާސީގެ ދަށުން ލިބިފައިވާ ހައްގެއްކަމައް ޕީޕީއެމް އިން ބުނެފައި ވެއެވެ. އަދި ޝަރުއީ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓު ކަމަށް ގަނޫނުން ކަނޑައަޅަފައިވާއިރު، ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހު ނިންމުން ކަމަށް ޕީޕީއެމް އިން ގަބޫލުކުރާކަމަށް އެޕާޓި އިން ބުނެފައިވެއެވެ.
ޕީޕީއެމް އިން ވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅާފައިވާ މައްސަލައަކީ އެމްޑީޕީއަށް ބާރު ލިބުނު ދުވަހު ޒާތީ ހަސަދައެއް ފިލުވަލުމަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް އެ ޕާޓީ އިން ދެކޭކަމަށް މި ބަޔާނުގައި ބުނެފައެވެ. އަދި ސަރުކާރަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައިވާއިރު ގައުމުގެ މަސްލަހަތު ގެއްލޭގޮތަށް ވަކިވަކި ފަރުދުންނަށް އަމާޒުނުކޮށް ދުސްތޫރީ އޮނިގަނޑު ބޭނުން ކުރައްވައިގެން ދައުލަތުގެ އެކި މުވައްސަސާތަކާއެކު ހެޔޮނިޔަތުގައި މަސައްކަތް ކުރުމަށް ޕީޕީއެމް އިން ގޮވާލިއެވެ.
މި ކަންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ސޯލިހު ހަނު ހުންނެވުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށް ޕީޕީއެމް އިން ބުނެފައިވެއެވެ. އަދި ގާނޫނުން ރައީސް ސޯލިހުގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް އަދާކޮށް، ގާނޫނު އަސާސީ ދިފާއުކޮށް ނެގެހެއްޓުމުގައި ލީޑާޝިޕް ދެއްކެވުމަށް ޕީޕީއެމް އިން ގޮވައިލިއެވެ. އަދި މި ކަމަކީ 2011 އަދި 2012 ގައި ދައުލަތުގެ މުވައްސަސާތައް ހަލާކާއި ދިމާއަށް ގެންދިޔަ ފަދަ އަމަލުތަކެއްގެ ފެށުން ފެންނަ ކަންކަންކަމަށާއި، މިކަމާ ގުޅިގެން ރައްޔިތުންގެ ހައްގުގައި ހައްގު ބަސް ބުނުމަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީ ތަކަށާއި ސިޔާސީ ލީޑަރުންނަށް ޕީޕީއެމް އިންގޮވާލާފައިވެއެވެ.