ޚަބަރު

މަޑުއްވަރީ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި

މަރިޔަމް ޝަހުދާ

ރ.މަޑުއްވަރީ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ގްރީން ކްލައިމެޓް ފަންޑް ގެ ހިލޭ އެހީގެ ދަށުން މަޑުއްވަރީގައި ގާއިމްކުރާ ފެނުގެ ނިޒާމުގެ މަސައްކަތް އަމަލީ ގޮތުން ފައްޓަވާ ދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ހުސައިން ރަޝީދު ހަސަން އެވެ.

މި މަސައްކަތަށް 30،538،893.81ރ. (އިރީސް މިލިއަން ފައްސަތޭކަ ތިރީސް އަށް ހާސް އަށް ސަތޭކަ ނުވަދިހަ ތިން ރުފިޔާ އަށްޑިހަ އެއް ލާރި) ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މަޑުއްވަރީގައި ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއަރ ލިމިޓެޑާއެވެ.

މި ޕްރޮޖެކްޓުގެ ދަށުން މަޑުއްވަރީ ގައި ބޯ ހޯލް، ވޯޓަރ ކަލެކްޝަން ޓޭންކް އަދި ސްޓޯރޭޖް ޓޭންކެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އާރްއޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމުގެ އިތުރުން ލެބޯޓްރީއެއް ހިމެނޭ ގޮތަށް އެޑްމިނިސްޓްރޭޝަން ބިލްޑިންގ އެއް އަޅައި، މުޅި ރަށުގައި ފެންހޮޅި އަޅައި ރަށުގެ ގޭބިސީ ތަކާއި އެހެނިހެން އިމާރާތްތަކުގައި ފެންމީޓަރު ހަރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މި މަސައްކަތް ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއާ ލިމިޓެޑާ ހަވާލުކޮށްފައިވާއިރު، މަސައްކަތް ނިންމުމަށް މުއްދަތު ދީފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަަށެވެ.

ގްރީން ކްލައިމެޓް ފަންޑްގެ ހިލޭ އެހީގެ ދަށުން މަޑުއްވަރީގެ އިތުރުން ބ.ދަރަވަންދޫ، ހދ.ނޮޅިވަރަންފަރު އަދި ށ.ފޯކައިދޫގައި ފެނުގެ ނިޒާމް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.