މިހާރަށްވުރެ ފަސޭހަ ވިސާގެ ހިދުމަތްތަކެއް ހަމަޖައްސައިދިނުމަށް ލަންކާގައި އުޅޭ ދިވެހިން އެދޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ފައިސަލް ނަސީމާއެކު ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ލަންކާގައި ދިވެހިންނަށް އެއްވެސް ނުރައްކާތެރިކަމެއް ނެތްކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އޭޕްރީލް މަހު ލަންކާއަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ދިވެހިން ލަންކާއަށް ޒިޔާރަތް ކުރާ މިންވަރު މަދެއް ނުވެއެވެ. އަދި ކުރިއެކޭ އެއްގޮތައް މިހާރުވެސް ގިނަ އަދަދެއްގެ ދިވެހިން ލަންކާއަށް ޒިޔާރަތް ކުރާ ކަމަށާއި، ގިނަ އަދަދެއްގެ ދިވެހިންގެ ދިރިއުޅުން ލަންކާގައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.
މިހާރުވެސް ލަންކާއަށްދާ ދިވެހިންނަށް ލަންކާއިން ވިސާ ލިބުމުގެ ކަންކަން އޮންނަނީ ވަރަށް ލުއި ފަސޭހަކޮށްކަމަށް ނަޝީދު ފާހަގަ ކުރެއްވި އެވެ. އަދި ލަންކާގައި އުޅޭ ދިވެހިން އެދެނީ މިހާރަށްވުރެ ވެސް ވިސާގެ ކަންކަން ލުއި ފަސޭހަވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.